Last Updated: July 18, 13:50
Saturday, July 18, 2026
ޚަބަރު

ކަރަންޓާ ނުލައި އިގުތިސާދީ މިނިވަންކަން ޔަގީން ނުކުރެވޭނެ

ކަރަންޓާއި ނުލައި ގައުމުގެ އިގުތިސާދީ މިނިވަންކަން ޔަގީން ނުކުރެވޭނެކަމަށް ސްޓެެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ފަހުމީ މިހެން ވިދާޅުވީ ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކޮށްގެން ޝަރަފާއި މެޑަލް ހާސިލްކުރި ސްޓެލްކޯގެ 16 މުވައްޒަފުންގެ ޝަރަފުގައި ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

ސްޓެލްކޯގެ ހެޑް އޮފީހުގައި މިއަދު ބޭއްވި މި ހަފްލާގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ ސްޓެލްކޯއިން ދޭ ޚިދުމަތް ހީނަރުވެއްޖެނަމަ ދިވެހި ދަޢުލަތް ހީނަރުވެ، ދިވެހި ދަޢުލަތުގެ އިޤުތިޞާދީ މިނިވަންކަން ހީނަރުވާނެ ކަމަށާއި ކަރަންޓާއި ނުލައި ޤައުމުގެ އިޤުތިޞާދީ މިނިވަންކަން ޔަޤީން ނުކުރެވޭނެ ކަމަށެވެ.

ކުންފުނީގެ ޚިދުމަތް އިތުރަށް ފުޅާކޮށް، އިތުރު ފުރިހަމަ ކަމާއިއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ހުރިހާ މުވައްޒަފުންވެސް އެއްވެސް ހީނަރުކަމެއް ނެތި މަސައްކަތް ކުރުމަށް ފަހުމީ އިލްތިމާސްކުރެއްވި އެވެ.

"އަޅުގަނޑުމެން ޚިދުމަތް ކުރަނީ، އަދި މިހާތަނަށް ޚިދުމަތް ކުރަމުން މި ދަނީ، އަދި މުސްތަޤުބަލްގައި ޚިދުމަތް ކުރާނީ ދިވެހި ދަޢުލަތަށް. އެހެންކަމުން ދިވެހި ދަޢުލަތަށް ޚިދުމަތްކޮށްދިނުމުގައި އަޅުގަނޑުމެން ތިބެންވާނީ ފިސާރި ކެރިގެން. އެކަމުގަ ހީނަރުކަމެއް އައިސްގެން ނުވާނެ،" ފަހުމީ ވިދާޅުވި އެވެ.

ސްޓެލްކޯއަށް ޚިދުމަތްކުރުމަކީ ދިވެހި ދަޢުލަތަށް ޚިދުމަތް ކުރުން ކަމަށާއި އެހެންކަމުން ސްޓެލްކޯ އިން ދޭ ޚިދުމަތް ހީނަރުވެއްޖެނަމަ ދިވެހި ދަޢުލަތް ހީނަރުވެ، އަދި ދިވެހި ދަޢުލަތުގެ އިޤުތިޞާދީ މިނިވަންކަން ހީނަރުވާނެ ކަމަށްވެސް ވިދާޅުވި އެވެ.