Last Updated: May 20, 22:41
Tuesday, May 20, 2025
ޚަބަރު

ހިތަދޫގެ 80 ޕަސެންޓް މަގުތަކުގެ ތާރު އަލުން ކަނޑަނީ

އައްޑޫ މަގު ހެދުމުގެ މަޝްރޫޢޫ ގެ ތެރެއިން ހިތަދޫގައި ތާރު އަޅާފައިވާ މަގެއް / ފޮޓޯ: އައްޑޫލައިވް

އައްޑޫ ސިޓީ ހިތަދޫގައި ތާރު އަޅާފައިވާ ގާތްގަނޑަކަށް 80 ޕަސެންޓް މަގުތަކުގެ ތާރު އަލުން ކަނޑަން ތައްޔާރުވަމުންދާ ކަމަށް، މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ރައްޔިތުންނާ އެކު ރޭ ބޭއްވި ބައްދަލުވުމުގައި ނިޒާރު ވިދާޅުވީ ހިތަދޫ މަގު ހެދުމުގެ ކުރިން ކޭބަލްތައް އެޅުމަށް ފެނަކައިގައި އާދޭސް ދެންނެވި ކަމަށާއި ނަމަވެސް މަގުތައް ނިމެމުން އަންނަނީ އެ ކަންކަން ފުރިހަމަ ނުވެ ކަމަށެވެ. އަދި މިދިޔަ ހަފްތާގައި ފެނަކައާއެކު ބޭއްވި ބައްދަލުވުމުގައި ހިތަދޫގައި ތާރު އަޅާފައިވާ ގިނަ އަދަދެއްގެ މަގުތަކުގައި އަޅާފައިވާ ތާރު އަލުން ކަނޑަން ފެނަކައިން ރިކުއެސްޓް ކޮށްފައިވާ ކަމަށް ނިޒާރު ވިދާޅުވި އެވެ.

ތާރު އަޅާފައިވާ މަގުތަކުން ތާރު އަލުން ކަނޑަނީ ކޭބަލްތައް އެޅުމުގެ ޕްރޮޖެކްޓެއް ހިންގަން ކަމަށްވާއިރު، އަންނަ މަހުގެ ތެރޭގައި އެ މަސައްކަތް ފެނަކައިން ފަށާނެ ކަމަށް ނިޒާރު ވިދާޅުވި އެވެ.

"ހިތަދޫގައި ތާރު އަޅާފައިވާ ހުރިހާ މަގެއް، ގާތްގަނޑަކަށް 80 ޕަސެންޓް މަގުގެ ތާރު ކަނޑާ ގޮތަށް އޮތީ،" ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ ތާރު އަލުން ކަނޑަން ތައްޔާރުވަމުންދާއިރު، ހިތަދޫ ބޮޑު މަގުގައި ތާރު އެޅުމަށްފަހު އަދި މިނިސްޓްރީއާ ވެސް ހަވާލުނުކުރާ ކަމަށެވެ. އަދި ހިތަދޫ ބޮޑު މަގުގައި ކުރަހަން ވެސް ނުފަށާ ކަމަށާއި ނަމަވެސް މިހާރުވެސް ތިން ތަނަކުން ތާރު ކަނޑާފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ. ހިތަދޫ ބޮޑުމަގުގައި ފެން ލީކުވާ ހޮޅިތައް ނެގުމަށްފަހު އާ ހޮޅި އެޅުމަށްފަހު ނޫނީ ބޮޑުމަގު ރީސާފޭސް ނުކުރަން ތަކުރާރުކޮށް އެދުނު ކަމަށާއި ރީސާފޭސް ކުރާނަމަ ލިންކްރޯޑު ހަދައިދޭން އެދުނު ކަމަށްވެސް ވިދާޅުވި އެވެ.

ނިޒާރު ވަނީ ދައުލަތުގެ ފައިސާ މިގޮތަށް ބޭކާރު ކުރާއިރު ކައުންސިލުން ބަލަހައްޓައިގެން ނުތިބޭނެ ކަމަށާއި ފަރުދާގެ ފުރަގަހުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށްވެސް ވިދާޅުވެފަ އެވެ.