Last Updated: May 11, 11:51
Sunday, May 11, 2025
ޚަބަރު

އައިއެމްޑީސީ ހޮސްޕިޓަލުން ވެސް ކަރަންޓު ކަނޑާލައިފި

އައިއެމްޑިސީ ހޮސްޕިޓަލް: ފޮޓޯ/ އައްޑޫ ލައިވް

އައްޑޫ ސިޓީގެ ހިތަދޫގައި ހިންގަމުންދާ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ) ހޮސްޕިޓަލުން ކަރަންޓް ކަނޑާލައިފިއެވެ.

އައިއެމްޑީސީގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނީ އެ ހޮސްޕިޓަލުން ކަނޑާލާފައިވަނީ މާޗް މަހުގެ ބިލް އެންގުމަކާއި ނުލައި ބޮޑުކޮށްފައިވާތީ އެކަން ސާފުކުރުމަށް ފެނަކަ އަށް ލިއުމަކުން ހުށަހަޅާފައިވަނިކޮށް، ޖަވާބު ދިނުމަކާއި ނުލައި ކަމަށެވެ.

" މިވަގުތު ވެސް ހޮސްޕިޓަލުގައި އެބަތިބި އެޑްމިޓްކޮށްފައި 7 މީހަކު. އަދި ވަރަށް ގިނަ ބަޔަކު ޚިދުމަތް ހޯދުމަށް އައިސް ތިއްބާ ކަރަންޓް ކަނޑާލާފައި މިވަނީ " އޭނާ ވިދާޅުވިއެވެ.

ކުރީގެ ހެލްތު މިނިސްޓަރ ޑރ. މަރިޔަމް ޝަކީލާގެ ހިއްސާވާ ސިމްޑީ ކުންފުނިން ހިންގާ އައިއެމްޑީސީ ހޮސްޕިޓަލުން މިއަދު ކަރަންޓު ކަނޑާލާފައި ވާއިރު ރޭ ވަނީ އެކުންފުނީގެ ފަރާތުން ހިތަދޫގައި ހިންގާ ފިހާރައެއް ކަމުގައިވާ ސިމްޑީ ޝޯރޫމުން ވެސް ކަރަންޓު ކަނޑާލާފައެވެ. ޝޯރޫމުން ކަރަންޓް ކަނޑާލުމާއި ގުޅިގެން ރޭ އެފިހާރަ ހުޅުވާފައިވަނީ އުއްބައްތި ދިއްލައިގެންނެވެ.

ފެނަކަ ކޯޕަރޭޝަނުން އައްޑޫގެ ވިޔަފާރިތަކުން ކަރަންޓް ކަނޑަން ފަށާފައިވާ އިރު ހިތަދޫ އެމްއެމް ޓްރޭޑާސްއިން ކަރަންޓް ކަނޑާލުމާއި ގުޅުގެން، ކަރަންޓް އަލުން އެފިހާރައަށް ދިނުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ.