Last Updated: May 11, 11:51
Sunday, May 11, 2025
ޚަބަރު

އައިއެމްޑީސީ އިން ކަރަންޓު ކެނޑި މައްސަލައިގައި ވަގުތީ އަމުރެއް ނެރުން ފަސްކޮށްފި!

ސ.ހިތަދޫގައި ހިންގާ އައިއެމްޑީސީީ ހޮސްޕިޓަލުން ކަރަންޓު ކަނޑާލި މައްސަލައާއި ގުޅިގެން އެ ހޮސްޕިޓަލަށް އަލުން ކަރަންޓު ގުޅައިދިނުމުގެ ވަގުތީ އަމުރަކަށް އެދި ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެ އަމުރު އިތުރަށް ދިރާސާ ކުރުމަށް އަމުރު ނެރުން ފަސްކޮށްފިއެވެ.

އައިއެމްޑީސީ ހޮސްޕިޓަލަށް ކަރަންޓް ގުޅައިދިނުމުގެ ވަގުތީ އަމުރަކަށް މިއަދު މެންދުރު އެދުނު އިރު މިއަދު ވަނީ ހިތަދޫގެ އިތުރު ފިހާރައަކުން ކަރަންޓް ނުކެޑުމަށް ވަގުތީ އަމުރު ނެރެފައެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ސަރަހައްދުގައި ހިންގަމުން އަންނަ "ހެލްޕްސައިޑް" ފިހާރައިން ކަރަންޓު ކަނޑާލި މައްސަލައާޢި ގުޅިގެން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އެ ފިހާރައަށް ކަރަންޓު ގުޅައިދިނުމަށް ފެނަކަ ކޯޕަރޭޝަނުގެ މައްޗަށް އަމުރު ނެރެފައެވެ.

އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުއްލި ގޮތަކަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ގެނައި އިދާރީ ބަދަލު ތަކާއި ގުޅިގެން ކުރިން ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި މައްސަލަ ބައްލަވަމުން ގެންދެވި މެޖިސްޓްރޭޓް އަބްދުﷲ ފާރޫގު އިބްރާހިމް ވަނީ މެންދުރު ފަހު 3:45 ހާއިރު ބަދަލުކޮށްފައެވެ.

ފާރޫގު ބަދަލު ކުރެއްވި އިރު އައިއެމްޑީސީން ހުށަހެޅި މައްސަލައަށް ވަގުތީ އަމުރެއް ނެރެދެއްވުމަށް ވަނީ ވަގުތު ކުޑަތަންވެފައެވެ.

އައިއެމްޑީސީގެ އިސްއޮފިޝަލަކު މިރޭ ހިތަދޫ ކޯޓު ސަރައްދުގައި "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޯޓަށް ގެނައި ބަދަލާއި ގުޅިގެން މިހާރު މައްސަލަ ބައްލަވާ މެޖިސްޓްރޭޓް މައްސަލަ އިތުރަށް ދިރާސާ ކުރަން ބޭނުންވާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި މިރޭ 8 ޖަހާއިރު ޝަރީއަތް ފެށުމަށް ތާވަލް ކޮށްފައިވާ ކަމަށެވެ.

ހިތަދޫ އެމް.އެމް ޓްރޭޑާސް އާއި ހެލްޕް ސައިޑް ފިހާރައިން ކަރަންޓު ކަނޑާލި މައްސަލަ އާއި ގުޅިގެން ވަގުތީ އަމުރު ނެރެދެއްވާފައިވަނީ އެ ކޯޓުގެ މެޖިސްޓްރޭޓް އަބްދުﷲ ފާރޫގު އިބްރާހީމް އެވެ.

އައިއެމްޑީސީން ކަރަންޓް ކަނޑާލައިފައި މި ވަނީ މާޗް މަހުން ފެށިގެން ބިލަށް ގެނައި ބަދަލާ ގުޅިގެން، އެ މައްސަލަ އަށް ހައްލެއް ހޯދައިދޭން ފެނަކަ ކޯޕަރޭޝަނަށް ސިޓީ ވެސް ފޮނުވައިފައި ވަނިކޮށެވެ. އެހެން ނަމަވެސް އެއިން އެއްވެސް ސިޓީއަކަށް ފެނަކަ އިން ޖަވާބު ދީފައެއް ނުވެއެވެ.

އައިއެމްޑީސީ ހޮސްޕިޓަލުން ކަރަންޓު ކަނޑާލުމާއި ގުޅިގެން ސޯޝަލް މީޑިޔާގައި ގިނަ ބަޔަކު އެކަން ސިފަކޮށްފައި ވަނީ އެއީ ސީދާ ސިމްޑީ ކުންފުންޏަށް ޖެއްސުން ކުރުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަނުން ހިންގާފައިވާ އަމަލެެއްގެ ގޮތުގައެވެ.