Last Updated: May 2, 21:43
Thursday, May 2, 2024
ޚަބަރު

ހޮސްޕިޓަލުން ކަރަންޓް ކެނޑުމަކީ ބައިނަލް އަގްވާމީ ބޮޑު ޖަރީމާއެއް: ނިޒާރު

ކަރަންޓް ކަނޑާލުމުން އައިއެމްޑީސީ ހޮސްޕިޓަލް އުއްބައްތިން ދިއްލާފައި. ފޮޓޯ: އައްޑޫލައިވް

ހަނރުރާމަ ތަކުގައިވެސް ސިއްހީ ހިދްމަތް ދޭ ނިޝާންތަކަށް ހުރުމަތްތެރިކޮށް ހިތާ ކަމަށާއި، ނަމަވެސް މި ސަރުކާރުން ހޮސްޕިޓަލަކުން ކަރަންޓް ކަނޑާލުމަކީ ބައިނަލް އަގްވާމީ ބޮޑު ޖަރީމާއެއްކަމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖްލިސް މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ކުރީގެ ހެލްތު މިނިސްޓަރ ޑރ. މަރިޔަމް ޝަކީލާގެ ހިއްސާ އޮންނަ އައިއެމްޑީސީ ހޮސްޕިޓަލުން މިއަދު މެންދުރު ކަރަންޓް ކަނޑާލުމާއި ގުޅިގެން ނިޒާރު މިރޭ ވިދާޅުވީ، ސިއްހީ ހިދްމަތްދޭ ތަންތަނާއި، އެފަދަ ނިޝާންތައް ޖަހާފައިވާ ތަންތަނަކީ ހިމާޔަތް ލިބިގެންވާ ތަންތަން ކަމަށާއި، އެއިން ތަނަކަށް ހަނގުރާމަ ތަކުގައިވެސް ހަމަލާ ދިނުމަކީ ބޮޑު ޖަރީމާއެއް ކަމަށެވެ. އަދި އެފަދަ ތަންތަނަށް ހުރިހާ ފަރާތްތަކުންވެސް ފުރިހަމަ ހިމާޔަތް ދޭ ކަމަށް ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ ހޮސްޕިޓަލުން ކަރަންޓް ކަނޑަން ޖެހޭ ހިސާބަށް ކަންކަން ގޯސްވެފައި ނުވާކަމަށެވެ. ނަމަވެސް މި ސަރުކާރުގެ އަނިޔާވެރިކަން ބޮޑުވެ، މިއަދު ފެނިގެން މިދަނީ ހޮސްޕިޓަލް ތަކާއި އެފަދަ ހިދްމަތް ދޭ ތަންތަނުން އެއްވެސް ކަހަލަ ބެލުމެއް ނެތި ކަރަންޓް ކަޑަމުންދާ މަންޒަރު ކަމަށެވެ.

މި ސަރުކާރުން ކޮށްފައި ނުކުރާނެ ވަކި ކަމެއް ނެތް ކަމަށާއި އެގޮތުން ރައްޔިތުންގެ ޝުއޫރު އަޑު އެހުމުގެ ބަދަލުގައި އިސްކުރަނީ އަނިޔާވެރިކަން ކަމަށް ވެސް ނިޒާރު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ހޮސްޕިޓަލުން ކަރަންޓް ކަނޑަން ޖެހޭ ހިސާބަށް ކަންކަން ގޮސްފިކަަމަށް. އައްޑޫ ވިޔަފާރިތަކުން މިވަނީ ފެނަކަ އަށް ސިޓީ ފޮނުވާފައި، ކަރަންޓް ބޮޑުކުރި މައްސަލަ ބެލުމަށް. އެތަނުގެ ވެރިން ބޭނުމެއް ނޫން ވާހަކަ ދައްކައި މަޝްވަރާގެ ރީތި އުސޫލު ހިޔާރު ކުރަން. އޭގެ ބަދަލުގައި މި ފެންނަނީ އެމީހުންގެ ނުލަފާ ކަމާއި އަނިޔާވެރިކަން"

މާޗް މަހުގެ ކަރަންޓް ބިލް އެންގުމަކާއި ނުލައި ބޮޑު ކުރި މައްސަލަ އައްޑޫގެ ހުރިހާ ވިޔަފާރިވެރިން ވަނީ ފެނަކަ ކޯޕަރޭޝަންގެ ސަމާލުކަމަށް ގެނެސްފައެވެ. އެގޮތުން ސިމްޑީ ކުންފުނީގެ ދަށުން ހިންގަމުން އަންނަ އައިއެމްޑީސީ ހޮސްޕިޓަލުންވެސް ވަނީ ފެނަކައަށް އެކަމާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ސިޓީ ފޮނުވާފައެވެ.

މިއަދު މެންދުރު އައިއެމްޑީސީ ހޮސްޕިޓަލުން ކަރަންޓް ކަނޑާލިއިރު އެތަނުގައި 7 މީހަކު އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔައެވެ. ނަމަވެސް ކަރަންޓް ކަނޑާލުމާއި ގުޅިގެން ހުރިހާ ބަލިމީހުން ހޮސްޕިޓަލުން ގެއަށް ފޮނުވާފައިވާ އިރު މިވަގުތު އެމީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގެ އެމްބިއުލާންސްގައި ޑޮންޓަރުންނާއި ނަރުހުން އެމީހުންގެ ގެތަކަށް ޒިޔާރަތްކޮށްގެންނެވެ.