Last Updated: January 13, 12:10
Monday, January 13, 2025
ޚަބަރު

އައްޑޫ ފްލޯޓިން ސޯލާ ނިޒާމު ފަށާނީ 2026 ގައި

އައްޑޫ ސިޓީގެ މޫދުގައި 10 މެގަވޮޓް ފްލޯޓިން ސޯލާ ޕީވީ ނިޒާމު ޤާއިމުކުރުމަށް އިންވެސްޓަރުންނަށް ފުރުސަތުި ހުޅުވާލާފައި އިރިު އަންނަ އަހަރުގެ ކުރީކޮޅު އެ މަޝްރޫއު ބަޔަކާ ހަވާލު ކުރެވޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފި އެވެ.

މިއީ ވޯލްޑް ބޭންކުގެ އެހީގައި ހިންގާ އެކްސަލަރޭޓިންގ ރިނިއުވަބަލް އެނަޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަޖީ، އެރައިސް ޕްރޮޖެކްޓްއިން ހިންގާ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ ދަށުން އިންވެސްޓަރުން ހޯދަނީ ޑިޒައިން، ބިލްޑް، ފައިނޭންސް، އޯން، އޮޕަރޭޓް، ޓްރާންސްފާގެ އުސޫލުންނެވެ.

މި ޕްރޮޖެކްޓުގެ ދަށުން ސ. މަރަދޫ ހާބަރު އަދި ސ. ހުޅުމީދޫ ސެންޓްރަލް ހާބަރުގައި ދެ މެގަވޮޓް ސޯލަރ ޕީވީ ގާއިމް ކުރުމަށް ވަނީ ނިންމައިފަ އެވެ. އަދި ސ. ހިތަދޫ ޕޯޓް އޭރިއާގައި 8 މެގަވޮޓް ސޯލަރ ޕީވީ ގާއިމް ކުރުމަށްވެސް ވަނީ ނިންމައިފަ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެ މަޝްރޫޢުގެ މަސައްކަތް ކުރާނެ ކޮންޓްރެކްޓަރަކު ހޮވޭނެކަމަށް ބެލެވެނީ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުތެރޭގަ އެވެ.

އެގޮތުން ކޮންޓްރެކްޓަރަކު ހޮވައި ސޯލަރ ޕީވީ ނިޒާމު ޤާއިމުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ހަދަންޖެހޭ ތިމާވެށި އަދި އެހެނިހެން ފަންނީ ސަރވޭތައް ނިމި އަމަލީ މަސައްކަތް ފެށޭނެ ކަމަށް އަންދާޒާކުރެވެނީ 2026 ވަނަ އަހަރުގެ ފަހު ކުއާޓަރު ތެރޭގައި ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

ދިހަ މެގަވޮޓްގެ ފްލޯޓިންގ ސޯލަރ ނިޒާމު ޤާއިމުކުރެވި އެ ނިޒާމުން ކަރަންޓު އުފައްދަން ފެށުމުން ޖުމުލަކޮށް މި ރަށްތަކުގައި ކަރަންޓް އުފެއްދުމަށްޓަކައި ބޭނުންކުރާ ޑީސެލުން އަހަރަކު ގާތްގަނޑަކަށް 4.43 މިލިއަން ލީޓަރު ދަށްވެގެން ދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި ދަޢުލަތުން ތެލަށްކުރާ ހޭދައިގެ ތެރެއިން ގާތްގަނޑަކަށް އަހަރަކަށް 35.5 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.