Last Updated: December 13, 17:38
Friday, December 13, 2024
ރިޕޯޓް

އިސްލާމީ ޢަޤީދާ އާއި ބާޠިލް ޢަޤީދާތައް

އިސްލާމީ ޢަޤީދާއަކީ އެއަށްޓަކައި މާތް ﷲ ރަސޫލު ބޭކަލުން ފޮނުއްވައި، ފޮތްތައް ބާވައިލައްވައި، މުޅި ޚަލްޤުތަކުންގެ މައްޗަށް އެ ވާޖިބު ކުރެއްވި ޢަޤީދާއެވެ.

(وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ. مَا أُرِيدُ مِنْهُم مِّن رِّزْقٍ وَمَا أُرِيدُ أَن يُطْعِمُونِ)

މާނައީ: " ތިމަން ﷲއަށް އަޅުކަންކުރުމަށް މެނުވީ، ތިމަން ﷲ، ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ. އެއުރެންގެ ކިބަޔަކުން ތިމަން ﷲ، ރިޒްޤަކަށް އެދިވޮޑިއެއް ނުގަންނަވަމެވެ. އަދި ކާންދިނުމަކަށްވެސް އެދިވޮޑިއެއް ނުގަންނަވަމެވެ." (އައްޛާރިޔާތު:56-57)

(وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ)

މާނައީ: "އެފަރާތަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށް ކަލޭގެފާނުގެ ވެރިރައްބު ކަނޑައަޅުއްވައި އެންގެވިއެވެ." (އަލްއިސްރާ: 23)

(وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ)

މާނައީ: " ހަމަކަށަވަރުން، ތިމަން ﷲ ކޮންމެ އުއްމަތަކަށްމެ ރަސޫލަކު ފޮނުއްވީމެވެ. އެއީ، اللَّه އަށް އަޅުކަންކުރުމަށާއި، ބުދުތަކާ ދުރުހެލިވުމަށް އެންގެވުމަށެވެ." (އައްނަޙްލު:36)

އެހެންކަމުން، ކޮންމެ ރަސޫލު ބޭކަލަކުވެސް ގޮވައިލެއްވީ މި ޢަޤީދާއަށެވެ. އަދި ހުރިހާ އިލާހީ ފޮތްތަކެއް ބާވައިލެއްވުނީވެސް، މި ޢަޤީދާ ބަޔާންކޮށްދިނުމާއި، ތަފްޞީލުކޮށްދިނުމުގެ މައްޗަށެވެ. އަދި އެފޮތްތަކުގައި މި ޢަޤީދާއާ ފުށުއަރާ ބާޠިލު ގޮތްތަކުން ސަލާމަތްވެ ދުރުވާނެ ހުރިހާ ގޮތެއްވެސް ބަޔާންކުރައްވާފައިވެއެވެ. އަދި އެ ޢަޤީދާއަށް އުނިކަން އަންނާނެ ހުރިހާ ކަމެއްގެ ޚަބަރުވެސް ދެއްވާފައިވެއެވެ. އަދި ކޮންމެ މުކައްލަފަކަށް ވަނީ މި ޢަޤީދާއަށް ފުރިހަމައަށް ބޯލަބައި ކިޔަމަންތެރިވުމަށް ކަނޑައަޅުއްވާފައެވެ.

އެހެންކަމުން، މި ޢަޤީދާ ހޯދައި ދަނެގަތުމަކީ އިންސީންނާއި ޖިންނީންގެ މައްޗަށްވާ އެންމެ ބޮޑު ވާޖިބެވެ. ދުނިޔެއާއި އާޚިރަތުގެ ކާމިޔާބު ލިބުން އޮތީ މި ޢަޤީދާ ސީދާ ކުރުމުގެ މައްޗަށެވެ. ހުރިހާ ކަމެއް ކުރުމުގެ ކުރިން އަދި ކިޔަވައި ދަސްކުރުމުގެ ކުރިން މި ޢަޤީދާ ދަނެގަތުމަކީ އެންމެ ފުރަތަމަ ވާޖިބެވެ.

(فَمَن يَكْفُرْ بِالطَّاغُوتِ وَيُؤْمِن بِاللَّهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ لَا انفِصَامَ لَهَا ۗ وَاللَّهُ سَمِيعٌ عَلِيمٌ)

މާނައީ: " ފަހެ، ޝައިޠާނާޔަށް ކާފިރުވެ ﷲ އަށް އީމާންވާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ، އެންމެ ވަރުގަދަ ޢަޤީދާގައި ހިފަހައްޓައިފިކަން ކަށަވަރެވެ. ނެތި ދިޔުމެއް އެޔަކަށް ނުވެއެވެ. اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ފަރާތެވެ." (ބަޤަރާ: 256)

އިސްވެދިޔަ އާޔަތުން ސާފުކޮށް އެނގޭ ގޮތުގައި މި ޢަޤީދާއިން އަތް ދޫވެއްޖެމީހަކު، ދެން ހިފަހައްޓައިގެން ހުންނާނީ ޝައްކާއި ބާޠިލުގައި ކަމެވެ. އެހެނީ، ޙައްޤަށްފަހު ދެން ވަނީ މަގުފުރެދުން ނޫން ކޮންއެއްޗެއްތޯއެވެ؟

އެހެންކަމުން، އަޅާގެ ޢަޤީދާއާ ރަސޫލު ބޭކަލުން ގެންނެވި އެއްޗެއްސާއި ބާވައިލެއްވުނު ފޮތްތަކުގައި ވާ ކަންތަކާ ސީދާ ވެއްޖެނަމަ، އަޅާގެ ޢަޤީދާއަކީ ތެދު ޢަޤީދާއެކެވެ. ސާފު ޢަޤީދާއެކެވެ. އެއީ މާތް ﷲ ގެ ޢަޛާބުން ނަޖާތު ލިބެނިވި ޢަޤީދާއެކެވެ. އަދި ދުނިޔެއާއި އާޚިރަތުގެ ދިންނެވުން ލިބެނިވި ޢަޤީދާއެކެވެ.

ނަމަވެސް، މިއާ ޚިލާފަށް ރަސޫލު ބޭކަލުން ގެންނެވި އެއްޗެއްސާއި އިލާހީ ފޮތްތަކުގައި ބާވައިލެއްވުނު އެއްޗެއްސާ، އަޅާގެ ޢަޤީދާ ކަސިޔާރު ވެއްޖެނަމަ، އެއީ ބާޠިލު ޢަޤީދާއެކެވެ. އެ ޢަޤީދާގެ އަހުލުވެރިޔާއަށް މާތް ﷲ ގެ ޢަޛާބު ޙައްޤުވާ ޢަޤީދާއެކެވެ. އަދި ދުނިޔެއާއި އާޚިރަތުގެ އަބާއްޖަވެރި ކުރުވާ ޢަޤީދާއެކެވެ.

އިސްލާމީ ޢަޤީދާގެ ޚަޞާއިޞުތައް:

ހ. ޞައްޙަ ސާފު ޢަޤީދާގެ ސަބަބުން އަޅާގެ ލެޔާއި މުދާ ޙުރުމަތްތެރިވުން.

މާތް ނަބިއްޔާ (ޞައްލަﷲ ޢަލަހި ވަސައްލަމް) ޙަދީޘްފުޅު ކުރެއްވިއެވެ. (أمرت أن أقاتل الناس حتى يقولوا: لا إله إلا الله ، فإذا قالوا؛ عصموا مني دماءهم وأموالهم إلا بحقها) 1 މާނައީ: " ތިމަންކަލޭގެފާނަށް ވަނީ މީސްތަކުން لا إله إلا الله ކިޔައިފުމަށް ދާންދެން އެބައިމީހުންނާ ހަނގުރާމަ ކުރުމަށް އަމުރުކުރެވިގެންނެވެ. އެބައިމީހުން އެކަލިމަ ކިޔައިފިނަމަ؛ ތިމަންކަލޭގެފާނުގެ ކިބައިން އެބައިމީހުންގެ ލެޔާއި މުދާ ވަނީ ސަލާމަތް ވެގެންނެވެ. އެއީ އޭގައި (ހިފަންޖެހޭ) އެއްވެސް ޙައްޤެއް ނުވާނަމައެވެ."

އަދިވެސް އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ. (من قال: لا إله إلا الله ، و كفر بما يعبد من دون الله؛ حرم ماله ودمه، وحسابه على الله عز وجل)2 މާނައީ: " لا إله إلا الله ކިޔައި އަދި މާތް ﷲ ފިޔަވައި އަޅުކަން ވެވޭ ހުރިހާ އެއްޗަކަށް ކާފިރުވެއްޖެ މީހެއްގެ ލެޔާއި މުދަލަކީ ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. އަދި އެމީހެއްގެ ޙިސާބު ވަނީ މާތް ﷲ ގެ ޙަޟްރަތަށެވެ."

ށ. ޤިޔާމަތް ދުވަހު މާތް ﷲ ގެ ގަދަފަދަ ޢަޛާބުން ޞައްޙަ ޢަޤީދާގެ އަހުލުވެރީންނަށް ނަޖާތު ލިބުން.

ރަސޫލު ﷲ (ޞައްލަﷲ ޢަލަހި ވަސައްލަމް) ޙަދީޘްފުޅު ކުރެއްވިއެވެ. (من لقي الله لا يشرك به شيئا؛ دخل الجنة ، ومن لقيه يشرك به ؛ دخل النار)3 މާނައީ: " މާތް ﷲ އާ އެއްވެސް އެއްޗަކާ ޝިރުކު ނުކުރާ ހާލު އެއިލާހާ ބައްދަލުވެއްޖެ އަޅާ، ސުވަރުގެ ވަދެއްޖެއެވެ. އަދި ﷲއާ ޝިރުކު ކުރާ ހާލު، އެއިލާހާ ބައްދަލުވެއްޖެ އަޅާ، ނަރަކައަށް ވަދެއްޖެއެވެ."

ނ. ޞައްޙަ ސާފު ޢަޤީދާގެ ސަބަބުން އަޅާ ކުށް ފާފަތައް ފުހެވިދެއެވެ.

މާތް ނަބިއްޔާ (ޞައްލަﷲ ޢަލަހި ވަސައްލަމް) ޙަދީޘްފުޅު ކުރެއްވިއެވެ. (قال الله تعالى : يا ابن آدم! إنّك لَو أَتَيتَنِي بِقُرَابِ الأَرضِ خَطاَياَ، ثُمَّ لَقِيتَنِي لاَ تُشْرِك بِيْ شَيئًا؛ لَأَتَيْتُكَ بِقُرَابِهَا مَغْفِرَة)4 މާނައީ: " މާތް ﷲ ވަޙީކުރެއްވިއެވެ: އޭ އާދަމުގެ ދަރިޔާއެވެ! ހަމަކަށަވަރުން ކަލޭ ބިން ފުރޭހާ ވަރަށް ފާފަތަކާގެން އައި ކަމުގައިވިޔަސް، ތިމަން ﷲ އާ އެއްވެސް އެއްޗަކާ ޝިރުކު ނުކުރާ ހާލު ތިމަން ﷲ އާ ބައްދަލުކޮށްފިނަމަ، ބިން ފުރޭވަރަށް ކަލޭއަށް ފުއްސަވާ ދެއްވާހުށީމެވެ."

ރ. ޞައްޙަ ޢަޤީދާގެ ސަބަބުން އަޅާގެ ޢަމަލުތައް ޤަބޫލުކުރައްވައެވެ.

މާތް ﷲ ވަޙީކުރެއްވިއެވެ. (مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا يَعْمَلُونَ)

މާނައީ: " މުއުމިނަކު ކަމުގައިވާ ޙާލު، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، ޞާލިޙު ޢަމަލެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަން ﷲ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން ޢަމަލުކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ.” (ނަޙްލު: 97)

ފާސިދު ޢަޤީދާގެ ނޭދެވޭ ނަތީޖާ

ހ. ބާޠިލު ޢަޤީދާތަކުން އިންސާނާއަށް ހުރީ ކުރިން ބަޔާން ކުރި ގޮތާ މުޅިން ޚިލާފު ކަންތައްތަކެވެ. އެގޮތުން، އަޅާ ކުރާ ޢަމަލުތައް މާތް ﷲ ޤަބޫލު ނުކުރައްވައެވެ. އޭނާގެ ހުރިހައި ޢަމަލުތައް ބާޠިލު ވެދެއެވެ. އެހެނީ، މާތް ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ.

(وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ)

މާނައީ: "ހަމަކަށަވަރުން، ކަލޭގެފާނަށާއި، ކަލޭގެފާނުގެ ކުރީގެ ރަސޫލުންނަށް ވަޙީ ކުރައްވާފައިވެއެވެ. ކަލޭގެފާނު ޝިރުކު ކުރައްވައިފިނަމަ، ކަލޭގެފާނުގެ ޢަމަލުތައް ބާޠިލް ވެއްޖައީސްކަން ކަށަވަރެވެ. އަދި އޭރުން ކަލޭގެފާނު ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ." (ޒުމަރު: 65)

އަދިވެސް މާތް ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. (وَلَوْ أَشْرَكُوا لَحَبِطَ عَنْهُم مَّا كَانُوا يَعْمَلُونَ)

މާނައީ : " އެބޭކަލުންވެސް (اللَّه އަށް) ޝަރީކު ކުރެއްވިނަމަ، އެބޭކަލުން ކޮށްއުޅުއްވި ޢަމަލުތައް ބާޠިލު ވީހެވެ."

ށ. ފާސިދު ޢަޤީދާގެ ސަބަބުން ސުވަރުގެ އަޅާގެ މައްޗަށް ޙަރާމްވެދެއެވެ. އަދި މާތް ﷲ ގެ ފުއްސެވުންވެސް އޭނައަކަށް ނުލިބޭ ހުއްޓެވެ. އަދި ދާއިމަށް ނަރަކަޔަށް އެމީހަކު ހުށަހެޅިދެއެވެ.

މާތް ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ.

(إِنَّ اللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ وَمَن يُشْرِكْ بِاللَّهِ فَقَدِ افْتَرَىٰ إِثْمًا عَظِيمًا)

މާނައީ: " ހަމަކަށަވަރުން، اللَّه، އެއިލާހާ ޝަރީކު ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެއިލާހު އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. އަދި، اللَّه އަށް ޝަރީކު ކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ބޮޑުވެގެންވާ ފާފައަކަށް އަރައިގެންފިކަން ކަށަވަރެވެ." (ނިސާ: 48)

އަދިވެސް މާތް ﷲ ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ.

(إِنَّهُ مَن يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ ۖ وَمَا لِلظَّالِمِينَ مِنْ أَنصَارٍ)

މާނައީ: "ހަމަކަށަވަރުން اللَّه އަށް ޝަރީކު ކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه، އެމީހާގެ މައްޗަށް ސުވަރުގެ ޙަރާމް ކުރެއްވިއެވެ. އަދި އެމީހަކު އުޅޭނެތަނަކީ ނަރަކައެވެ. އަދި އަނިޔާވެރިންނަށް (އެބަހީ: ޝަރީކު ކުޅަ މީހުންނަށް) ނަޞްރު ދޭނޭ އެއްވެސް ބަޔަކު ނުވެއެވެ." (މާއިދާ: 72)

ނޯޓް: މިއީ ޝައިހް ޝަފީޢު ޢަބްދުއްﷲ ގެ ލިޔުއްވުމެކެވެ.