Last Updated: July 18, 13:21
Saturday, July 18, 2026
ޚަބަރު

ޗައިނާގެ ޝިއާމެން އިން ޝެޑިއުލް ދަތުރުތައް ފަށައިފި

ޗައިނާގެ ޝިއާމެން އެއާލައިންސް އިން ރާއްޖެ އަށް ޝެޑިއުލް ދަތުރުތައް ފަށައިފި އެވެ.

ޝިއާމެން އެއަރލައިންސްގެ ފުރަތަމަ ޝެޑިއުލް ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ މިއަދު ހަވީރު އެވެ.

ޝިއާމެން އެއަރލައިންސްގެ ޝެޑިއުލްޑް ފްލައިޓްތައް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ފެށުން ފާހަގަކުރައްވާ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ، މީގެ ކުރިން ޗާޓަރުކޮށް ދަތުރު ކުރަމުން އައި މި އެއަރލައިނުން ޝެޑިއުލް ދަތުރުތައް ފެށުމަކީ، ދުނިޔޭގެ އެކި ސަރަހައްދުތަކުން ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތައް އިތުރުކުރުމަށް އެމްއޭސީއެލްއިން ކުރަމުންދާ މަސައްކަތްތަކަށް ލިބޭ ކުރިއެރުމެއް ކަމަށެވެ.

އަދި މިއީ މިއަހަރު 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ޚާސިލްކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށްވެސް ސީއީއޯ ވިދާޅުވި އެވެ.

އެމްއޭސީއެލް އިން ބުނީ ޝިއާމެން އެއަރލައިންސް އިން ރާއްޖެއަށް ހަފްތާއަކު 3 ޝެޑިއުލް ދަތުރު ކުރާނެ ކަމަށެވެ. މި ދަތުރުތަކުގައި ބޭނުންކުރަނީ ބީ737-800 މަރުކާގެ 169 ސީޓުގެ ފްލައިޓެވެ. މި އެއަރލައިން އިން ޝެޑިއުލް ދަތުރުތައް ފަށާފައިވާއިރު، މިއަހަރުގެ ފެބުރުއަރީ އިން ފެށިގެން ޗާޓަރ ދަތުރުތައް ކުރި އެވެ.

ޗައިނާގެ ހަތަރު އެއާލައިނަކުން ރާއްޖެއަށް ދަތުރު ކުރެ އެވެ. އެއީ ބެއިޖިން ކެޕިޓަލް، ސިޗުއާން އެއަރލައިންސް، ޗޮންޗިން އެއަރލައިންސް އަދި ޗައިނާ އީސްޓަރން އެވެ.