ސ.ހިތަދޫ އައިއެމްޑީސީ ހޮސްޕިޓަލުން މިއަދު ކަރަންޓު ކަނޑާލާފައި ވަނީ ފެނަކަ ކޯޕަރޭޝަނުގެ މާލޭ އޮފީހުން އަންގައިގެން ކަން ވަރަށް އިތުބާރު ހުރިގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހޮސްޕިޓަލުން ކަރަންޓު ކަނޑާލުމަށް ފެނަކަ ކޯޕަރޭޝަނުގެ ސަދަން ރީޖަންގެ މެނޭޖަރ ޒުހެއިރު އެންގުމުން އެތަނުގެ ބައެއް މުވައްޒަފުން ވަނީ އެކަމަށް އިންކާރުކުރުމުން ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.
" ހޮސްޕިޓަލުން ކަރަންޓު ކެނޑުމާއި މެދު މުވައްޒަފުން ދެކޮޅު ހެދުމުން ޒުހައިރު މާލެ އަށް ގުޅީ. އަހަރުމެން ތިބެގެން ގުޅީވެސް. މާލެ އޮފީހުން މިއަންގަނީ ހޮސްޕިޓަލެއް އަނެއްތަނެއް ނޮއޮންނާނޭ ކަނޑާލާށޭ. " ނަން ހާމަނުކުރުމަށް ޝަރުތުކޮށް 'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ފެނަކަ ކޯޕަރޭޝަނުގެ މުވައްޒަފަކު ބުންޏެވެ.
މިކަމާއި ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުވާލުމަށް 'އައްޑޫލައިވް'ގެ ފަރާތުން ޒުހެއިރު އަށް ގުޅަން މަސައްކަތް ކުރި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.