Last Updated: June 12, 20:35
Thursday, June 12, 2025
ޚަބަރު

މެލޭޝިއާ އެއަލައިންސްގެ ދަތުރުތައް އަލުން ފަށައިފި

މެލޭޝިއާގެ ޤައުމީ އެއަރލައިން، މެލޭޝިއާ އެއަރލައިންސް އިން ރާއްޖެއަށް ކުރާ ދަތުރުތައް މިއަދު އަލުން ފަށައިފި އެވެ.

މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރް އިންޓަނޭޝަނަލް އެއަޕޯޓުން 168 ފަސިންޖަރުންނާއިއެކު ފުރި މެލޭޝިއާ އެއަރލައިންސްގެ ބޯޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސާފައިވަނީ މިއަދު ހެނދުނު އެވެ.

މެލޭޝިއާ އެއަރލައިންސްއަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ބެހޭ ވުޒާރާ އާއި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ)ގެ އިތުރުން މެލޭޝިއާ އެއަރލައިންސްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މެލޭޝިއާ އެއަރލައިންސްއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް އެއަރލައިން ކަމަށާއި މެލޭޝިއާ އެއަރލައިންސްއިން ދަތުރުތައް ފެށުމުން، ރާއްޖޭގެ ފަތުރުވެރިކަމަށާއި އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި އޮސްޓްރޭލިއާއާއި ނިއުޒީލެންޑް ހިމެނޭ އޯޝޭނިއާ ރީޖަން އިން ފަތުރުވެރިންނަށް ރާއްޖެއަށް ޒިޔާރަތްކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވި އެވެ.

ވަޒީރު އަމީން ވިދާޅުވީ، ސަރުކާރުން ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން ގެންނަންޖެހޭ މުހިންމު އެއް ބަދަލަކީ، ރާއްޖެއަށް ބޮޑެތި އެއަރލައިންތައް އަންނަމުންދާއިރު، އެ ފަރާތްތަކުގެ ގްރައުންޑް ސަރވިސް އޭޖެންޓް (ޖީ.އެސް.އޭ) ނުވަތަ ހޭންޑްލިންގ އޭޖެންޓަކީ ދިވެހި ކުންފުނިތަކަށް ހެދުން ކަމަށެވެ. އެގޮތުން ދިވެހިންނަށް ޖީ.އެސް.އޭ ގެ ނަފާ ލިބޭނެ ގޮތަށް ގެންނަންޖެހޭ ބަދަލުތައް ކުރު މުއްދަތެއްގެ ތެރޭގައި ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މެލޭޝިއާ އެއަރލައިންސްގެ ދަތުރުތައް ފެށުން ފާހަގަކުރުމުގެ ގޮތުން، އެ އެއަރލައިންގެ ޗެކިންގ ފަށާފައި ވަނީވެސް ޚާއްސަ ހަރަކާތަކުންނެވެ. އެގޮތުން މެލޭޝިއާ އެއަރލައިންސްގެ ޗެކިން ކައުންޓަރ ހުޅުއްވައިދެއްވީ މެލޭޝިއާ އެއަރލައިންސްގެ އިސްވެރިންނާއި އެމް.އޭ.ސީ.އެލްގެ ޓަރމިނަލް އަދި ޕަސެންޖަރ ސަރވިސްގެ ޑެޕިއުޓީ ޗީފް އޮފިސަރުންނެވެ.

މެލޭޝިއާ އެއަރލައިންސްއިން ދަތުރުތައް ފެށުން ފާހަގަކުރައްވާ، އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ، އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ، މެލޭޝިއާ އާއި ރާއްޖެއާއި ދެމެދު ކުރެވޭ ވައިގެ ދަތުރުތައް، މެލޭޝިއާ އެއަރލައިންސްއާއި އެކު އިތުރުވެގެން ދިޔުމަކީ އިޤްތިޞާދީގޮތުން ދެޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށެވެ. އަދި އެމް.އޭ.ސީ.އެލްއިން އަބަދުވެސް މަސައްކަތްކުރަމުންދަނީ އެއަރލައިންތަކާއި ފަސިންޖަރުންނަށް ފަސޭހަ މާޙައުލެއް ޤާއިމްކޮށްދީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކަމުގައި ވިދާޅުވި އެވެ.

ކޮންމެ ދުވަހަކުވެސް މެލޭޝިއާ އެއަރލައިންސްގެ ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު މިދަތުރުތަކުގައި ބޭނުންކުރާނީ ބޮއިންގ 800-737 މަކުރާގެ 174 ސީޓުގެ ފުލައިޓެކެވެ. މެލޭޝިއާ އެއަރލައިންސް އިން ރާއްޖެއަށް އެންމެ ފަހުން ދަތުރު ކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ.

އެއަރ އޭޝިއާ އަދި ބަޓިކް އެއަރ އިން މެލޭޝިއާ އާއި ރާއްޖެއާ ދެމެދު ދަނީ ދަތުރުތައް ކުރަމުންނެވެ.