ބީއެމްއެލްގެ އެކައުންޓުތަކަކަށް ބިލިއަނުން ޑޮލަރު ޖަމާކުރެވުނީ އޮޅިގެން ކަމަށާއި، އެފައިސާ އަލުން ހޯދާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.
ބީއެމްއެލް ގެ އެޕަށް މިއަދު ޓެކްނިކަލް މައްސަލަތަކެއް ދިމާވިއިރު، އެ ވަގުތު ބައެއް މީހުންގެ އެކައުންޓަށް ގިނަ އަދަދެއްގެ ޑޮލަރު ޖަމާވެފައިވެ އެވެ.
މިކަމާއި ގުޅިގެން ބީއެމްއެލް އިން ބުނީ މި މައްސަލަ ދިމާވީ ޕޭމަންޓް ޕްރޮސެސް ކުރުމުގައި "ހިއުމަން އެރާ" އެއްގެ ސަބަބުން ކަމަށެވެ. މި މައްސަލަ ދިމާވީ ޕެރޯލް ޕްރޮސެސިން އަށް ބޭނުންކުރާ ބަލްކް ޕޭމަންޓަށް ދާދި ފަހުން ގެނައި ބަދަލަކާއި ގުޅިގެން ކަމަށް އެ ބޭންކުން ބުނެ އެވެ.
ބީއެމްއެލްއިން ބުނީ މިހާރު ވާނީ އޮޅިގެން ފައިސާ ޖަމާކުރެވުނު އެކައުންޓުތައް ދެނެގަނެ، އެ އެކައުންޓުތަކުން ފައިސާ އަލުން ނަގާފައި ކަމަށެވެ. އަދި މި މައްސަލަ އާއި ގުޅިގެން އެކުންފުންޏަށް މާލީ ގޮތުން އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށްވެސް ބުންޏެވެ.
ބެންކުން ވަނީ އެ ބެންކުގެ ސިސްޓަމްތަކަކީ ރައްކާތެރި ސިސްޓަމްތަކެއްކަން ކަސްޓަމަރުންނަށް ޔަގީންކޮށް ދޭ ކަމަށް ވެސް ބުންޏެވެ.