އިނގިރޭސިވިލާތުގެ ޓެނިސް ތަރި އެންޑީ މުރޭ، ޓެނިސް ކުޅުން ހުއްޓާލައިފި އެވެ.
މުރޭ ،37، ގެ ޕްރޮފެޝަނަލް ޓެނިސް ކެރިއަރުގެ އެންމެ ފަހު މެޗަކަށްވީ މިހާރު ފްރާންސްގެ ވެރިރަށް ޕެރިހުގައި ކުރިއަށްދާ އޮލިމްޕިކްސްގެ ޑަބަލްސް އިވެންޓުގައި ކުޅުނު މެޗެވެ. އެ މެޗުން މުރޭ އާއި ޑޭން އެވަންސްގެ ޕެއާ ބަލިވީ އެމެރިކާގެ ޓޭލާ ފްރިޓްޒް އާއި ޓޮމީ ޕޯލްއާ ވާދަކޮށް ސީދާ ދެ ސެޓުންނެވެ. އެ މެޗުގެ ސެޓުތައް އެމެރިކާގެ ދެ ކުޅުންތެރިން ގެންދިޔައީ 6-2 އަދި 6-4 އިންނެވެ.
އޮލިމްޕިކް ގޭމްސް އަށްފަހު ޓެނިހުން ރިޓަޔާ ކުރާނެކަން އިއުލާން ކުރި މުރޭ ބުނީ ކެރިއަރުގައި ހޯދުނު ކާމިޔާބީތަކާއި އަދި ޓެނިހަށް ކޮށްދެވުނު ކަންކަމާއި މެދު ފަހުރުވެރިވާ ކަމަށެވެ. އަދި ކެރިއަރު ނިމުނު ގޮތާއި މެދު ހިތްހަމަޖެހޭ ކަމަށްވެސް މުރޭ ބުންޏެވެ.
ޕްރޮފެޝަނަލް ޓެނިސް ކުޅުންތެރިއަކަށް މުރޭ ވެފައިވަނީ 2005 ވަނަ އަހަރު ކަމަށްވާއިރު، އޭނާ ވަނީ ތިން ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެއީ ވިމްބަލްޑަން ދެ ފަހަރު އަދި ޔޫއެސް އޯޕެން އެކެވެ.
ދުނިޔޭގެ ކުރީގެ އެއް ނަމްބަރު ޓެނިސް ކުޅުންތެރިޔާ، މުރޭ ވަނީ އޮލިމްޕިކްސްގެ ސިންގަލްސް ޗެމްޕިއަންކަން ވެސް ދެ ފަހަރު ހޯދާފަ އެވެ.