Last Updated: May 8, 20:49
Thursday, May 8, 2025
ޚަބަރު

ހަނިއްޔާގެ މައްޗަށް އައްޑޫގައި ޣައިބަށް ކަށުނަމާދުކޮށްފި

އިރާނުގައި އަވަހަރާކޮށްލި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާގެ މައްޗަށް މިއަދުގެ ހުކުރު ނަމާދަށްފަހު އައްޑޫ ސިޓީގެ މިސްކިތްތަކުގައި ޣައިބަށް ކަށުނަމާދު ކޮށްފި އެވެ.

ފަލަސްތީނުގެ ކުރީގެ ބޮޑުވަޒީރު، ހަނިއްޔާގެ މައްޗަށް އައްޑޫގެ މިސްކިތްތަކުގައި ޣައިބަށް ކަށުނަމާދު ކުރުމަށް އަންގާފައިވަނީ އައްޑޫ ސިޓީ ކައުންސިލުންނެވެ. ހުކުރު ނަމާދަށްފަހު ޣައިބަށް ކުރި ކަށު ނަމާދުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެ އެވެ.

ހަނިއްޔާގެ މައްޗަށް މިއަދުގެ ހުކުރު ނަމާދަށް ފަހު ޣައިބަށް ކަށުނަމާދުކޮށް ދިނުމަށް އަދާލަތު ޕާޓީގެ ފަރާތުން ސަރުކާރުގައި އެދުނު ނަމަވެސް އެކަމަށް އިޖާބަ ދީފައެއް ނުވެ އެވެ.

ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ އެކަން ކުށްވެރިކޮށް އިއްޔެ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ވަނީ ފަލަސްތީނުގެ ގާޒާގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ގެނެސް ސަރަޙައްދުގައި ސުލްހަ ގާއިމުކުރަން ގައުމުތަކަށް ވެސް ގޮވާލާފަ އެވެ.

އީރާންގެ އާ ރައީސް މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެން އުޅުއްވަނިކޮށް ހަނިއްޔާ އަވަހާރަކޮށްލީ އޭނާ ހުންނެވި ގެޔަށް ހަމަލާ ދީގެންނެވެ. ހަނިއްޔާގެ ޖަނާޒާ އިއްޔެ އިރާނުގައި ބާއްވާފައިވާއިރު، އޭނާގެ ހަށިކޮޅު މިއަދު ފަސްދާނުލުމަށް މިހާރު ވަނީ ގަތަރަށް ގެންގޮސްފަ އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުގައި، ހަނިއްޔާގެ ތިން ފިރިހެން ދަރިން އަދި ތިން ކާފަ ދަރިން ވެސް ޝަހީދު ކޮށްލާފައިވެ އެވެ.