Last Updated: June 9, 13:42
Monday, June 9, 2025
ޚަބަރު

އަމިއްލަ ޖަނެރޭޓަރެއް ބޭނުންކޮށްގެން އައިއެމްޑީސީ އަށް ކަރަންޓް ދޭން ފަށައިފި

މާޗް މަހުން ފެށިގެން ކަރަންޓް ބިލަށް ގެނައި ބަދަލާ ގުޅިގެން ފާއިތުވި ދެ މަހުގެ ކަރަންޓް ބިލް ނުދައްކައި އޮއްވައި، އައިއެމްޑީސީ ހޮސްޕިޓަލުން އިއްޔެ ކަރަންޓް ކަނޑާލުމުން ހޮސްޕިޓަލްގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައި ވަނިކޮށް، އަމިއްލަ ޖަނަރޭޓަރަކުން އެތަނަށް ކަރަންޓް ދޭން ފަށައިފި އެވެ.

ރޭ ދަންވަރުން ފެށިގެން ހޮސްޕިޓަލުގެ އަމިއްލަ ޖަނަރޭޓަރަކުން ކަރަންޓް ދޭން ފަށާފައިވާއިރު ކަރަންޓް ލިބެންދެން ހޮސްޕިޓަލް އަލި ކުރަން އިއްޔެ އާއި ރޭ ބޭނުންކޮށްފައިވަނީ އުއްބައްތިއެވެ.

ހޮސްޕިޓަލްގެ އައިސީޔޫގައި އެޑްމިޓްކޮށްގެން ބަލިމީހުންނަށް ފަރުވާދެމުން ދަނިކޮށް ކަރަންޓް ކަނޑާލުމުން އައިއެމްޑީސީގެ މެނޭޖްމަންޓުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިކަމަށް ހައްލެއް ހޯދައިދިނުމަށް އެދި ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް އިއްޔެ ހުށަހެޅުމުން ކޯޓުން ވަގުތީ އަމުރެއް ވެސް ނެރެދޭ ގޮތް ވަނީ ނުވެފަ އެވެ.

އެހެން ނަމަވެސް އައިއެމްޑީސީން ހުށަހެޅި މައްސަލަ މިހާރު ވަނީ މިއަދު ހެނދުނު 10:00 އަށް ތާވަލްކޮށްފަ އެވެ.