Last Updated: July 27, 17:05
Sunday, July 27, 2025
ކުޅިވަރު

އެމެރިކާ ބަލިކޮށް މޮރޮކޯ ސެމީ އަށް

އެމެރިކާ 4-0 އިން ބަލިކޮށް އޮލިމްޕިކް ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގެ ސެމީފައިނަލަށް މޮރޮކޯ ދަތުރުކޮށްފި އެވެ.

މިއީ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުގެ ސެމީ އަށް މޮރޮކޯ ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ތޭވީސް އަހަރުން ދަށަށް ހާއްސަ ކޮށްގެން ކުޅޭ އޮލިމްޕިކްސް ފިރިހެން ފުޓްބޯޅަ އިވެންޓުގައި ސީނިއާ ތިން ކުޅުންތެރިންނަށް ފުރުސަތު ދޭ ގޮތަށް ގަވައިދުގައި އޮވެ އެވެ. މިގޮތުން މޮރޮކޯ ޓީމަށް ނެގި ސީނިއާ ތިން ކުޅުންތެރިންނަކީ ޕީއެސްޖީ އަށް ކުޅެމުން އަންނަ ޑިފެންޑަރު އަޝްރަފް ހަކީމީ އާއި ތަޖުރިބާކާރު ފޯވާޑް ސުފިއާން ރަހީމީގެ އިތުރުން ގޯލްކީޕަރު މުނީރު މުހަމެދީ އެވެ.

މޮރޮކޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމުން ޖެހި ފުރަތަމަ ގޯލަކީ މެޗުގެ 29 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރި ގޯލެކެވެ. މި ޕެނަލްޓީ މޮރޮކޯ ޓީމަށް ކާމިޔާބުކޮށްދިނީ ސުފިއާން ރަހީމީ އެވެ. ނަތީޖާ އެއްވަރުކޮށްލަން މެޗުގެ 59 ވަނަ މިނެޓްގައި އެމެރިކާގެ މައިލްސް ރޮބިންސަން އަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއިރު، އޭގެ އިރުކޮޅެއް ފަހުން އިލްޔާސް އަހޮމަޗް ވަނީ މޮރޮކޯގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

މޮރޮކޯގެ ތިންވަނަ ގޯލު މެޗުގެ 70 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އަދި ޕީއެސްޖީ އަށް ކުޅެމުން އަންނަ ފުލްބެކް އަޝްރަފް ހަކީމީ އެވެ. މޮރޮކޯގެ ފަހު ގޯލަކީ މެޗުގެ ފަހު ވަގުތުކޮޅުތެރޭ ލިބުނު ޕެނަލްޓީ އަކުން މެހްދީ މައުހޫބް ކާމިޔާބު ކުރި ގޯލެކެވެ.

މުބަރާތުގެ ސެމީފައިނަލްގައި މޮރޮކޯ ބައްދަލުކުރާނީ ސްޕެއިން އާއި ޖަޕާން ބައްދަލުކުރާ ކުއާޓާފައިނަލުން މޮޅުވާ ޓީމަކާ އެވެ.