އަމާޒަކީ 1،000 ޒުވާން ހަތީބުން ތަމްރީނު ކުރުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒުވާން ޚަޠީބުންގެ މަޝްރޫޢުގެ ދަށުން އަމާޒަކީ 1،000 ޒުވާން ޚަޠީބުން ތަމްރީނުކޮށް، ރާއްޖޭގައި އިސްލާމީ ޝިއާރު ފާޅުކޮށް ޚުޠުބާ ކިޔައި ރީތިކޮށް ޤުރުއާން ކިޔަވައި އިމާމުކަން ކުރާނެ ޖީލެއް ބިނާކުރުން ކަމަށެވެ.
ޒުވާން ހަތީބުން ތަމްރީނު ކުރުމުގެ ދެވަނަ ބެޗް މާލެ އާއި އައްޑޫގައި މިހާރު ވަނީ ފަށާފަ އެވެ. މި ފަހަރުގެ ޕްރޮގްރާމްގައި 200 ދަރިވަރުން ބައިވެރިވެ އެވެ.
ޒުވާން ޚަތީބުން ތަމްރީނު ކުރުމުގެ ދެވަނަ ބުރަށް ހުޅުވައިލުމުން 206 ދަރިވަރަކު ކުރިމަތިލި އެވެ. އަދި ބައިވެރިން ހޮވީ އިންޓަވިއު ކުރުމަށް ފަހު އެވެ. އިންޓަވިއު ކުރިއަށް ގެންދިޔައީ މާލެ އާއި އައްޑޫގެ އިތުރުން މ. އަތޮޅުގަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މާލެ އާއި އައްޑޫ ފިޔަވައި އެހެން ހިސާބުތަކުން ޕްރޮގްރާމް ބައިވެރިވާ ދަރިވަރިންގެ ތަމްރީނު ކުރިއަށް ގެންދަނީ އޮންލައިންކޮށް ކަމަށެވެ.
މި އަހަރުގެ ކުރީކޮޅު ހިންގި ޒުވާން ޙަތީބުންގެ ޕްރޮގްރާމްގައި 77 ޒުވާނަކު ބައިވެރިވެ. 57 ދަރިވަރަކު ސަނަދު ހާސިލުކޮށްފައިވެ އެވެ.