އާޖެންޓީނާ 1-0 އިން ބަލިކޮށް އޮލިމްޕިކް ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގެ ސެމީފައިނަލަށް ފްރާންސް ދަތުރުކޮށްފި އެވެ.
ސެމީފައިނަލްގައި ފްރާންސް ނިކުންނާނީ ފްރާންސާއި ދެކޮޅަށެވެ. އަނެއް ސެމީގައި ބައްދަލުކުރާނީ ސްޕެއިން އާއި މޮރޮކޯ އެވެ.
ތޭވީސް އަހަރުން ދަށަށް ހާއްސަ ކޮށްގެން ކުޅޭ އޮލިމްޕިކްސް ފިރިހެން ފުޓްބޯޅަ އިވެންޓުގައި ސީނިއާ ތިން ކުޅުންތެރިންނަށް ފުރުސަތު ދޭ ގޮތަށް ގަވައިދުގައި އޮވެ އެވެ. މިގޮތުން ފްރާންސުން ޓީމަށް ނެގި ސީނިއާ ތިން ކުޅުންތެރިންނަކީ އެލެގްޒެންޑާ ލަކަޒެޓް އާއި ފިލިޕޭ މާޓޭޓާގެ އިތުރުން ލޮއިކް ބާޑޭ އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ފްރާންސަށް މެޗުގެ ފަސްވަނަ މިނެޓްގައި އޮލީސޭ ނަގައިދިން ކޯނަރަކުން ކާމިޔާބުކޮށްދިނީ މަޓޭޓާ އެވެ. ނަތީޖާ އެއްވަރުކޮށްލަން އާޖެންޓީނާ އަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ގިއުލިއާނޯ ސިމިއޯނީ އަށެވެ. ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.
މި މެޗުގެ ފަހު ވަގުތުކޮޅުތެރޭ އޮލީސޭ ފްރާންސަށް ދެވަނަ ގޯލެއް ކާމިޔާބުކޮށްދިން ނަމަވެސް، ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ އެ ގޯލު ކެންސަލްކޮށްފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިފަހުން ދެ ޓީމުގެ ކުޅުންތެރިންގެ ދެމެދުގައި ކުރިމަތިލުންތަކެއް ވެސް ހިނގާފައިވެ އެވެ.
މުބާރާތުގެ ސެމީފައިނަލް މެޗުތައް ކުޅޭނީ އަންނަ ހޯމަ ދުވަހު އެވެ.