Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ސެންޓު ފުޅިއެއް ވަގަށް ނެގި މީހަކު 3 އަހަރަށް ޖަލަށް

މާލޭގެ ފިހާރައަކުން ސެންޓު ފުޅިއެއް ވަގަށް ނެގި މީހަކު ތިން އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ގ.ބްލޫހަޓް މުހައްމަދު އަލީގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް 31 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ހޯމް ޕްލާޒާ ފިހާރައިން ސެންޓްފުޅިއެއް ވަގަށް ނަގާފައިނުވާނެ ކަމަށް ބުނެ ދައުވާއަށް އިންކާރު ކުރި ނަމަވެސް ދައުވާ ސާބިތު ކުރުމަށްޓަކައި ދައުލަތުން ހުށަހެޅި ހެކިންގެ ހެކި ބަހުން މިދައުވާ މުހައްމަދު އަލީގެ މައްޗަށް ސާބިތުވާކަމަށެވެ.

މިއީ މިބާވަތުގެ ކުށެއް އޭނާގެ މައްޗަށް ސާބިތުވި 2 ވަނަ ފަހަރު ކަމަށްވާތީ މިކުށުގެ އުގޫބާތެއްގެ ގޮތުން ގާނޫނުލްއުގޫބާތުގެ 131 ވަނަ މާއްދާގެ (ހ)ގެ ދަށުން 2 އަހަރު ދުވަހަށް އަދި އޭނާ މިވައްކަން ކޮށްފައިވަނީ ފިހާރައަކުން ކަމަށް ވާތީ ގާނޫނުލްއުގޫބާތުގެ 138 ވަނަ މާއްދާގެ ދަށުން 1 އަހަރު ދުވަހަށް، އެކު ޖުމްލަ 3 އަހަރު ދުވަހުގެ މުއްދަތަށް މުހައްމަދު އަލީ ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ.