ފެނަކަ ކޯޕަރޭޝަންގެ ސަދަން ރީޖަންގެ މެނޭޖަރ އަބްދުﷲ ޒުހެއިރު ދިރިއުޅުއްވާ، ސ.ހިތަދޫ ލިލަކު ގެއަށް ރޭ ދަންވަރު ބަޔަކު ގެއްލުންތަކެއް ދީފިއެވެ.
"އައްޑޫލައިވް" އަށް މައުލޫމާތު ލިބިފައިވާގޮތުގައި ރޭ ދަންވަރު 3:45 އެހާކަން ހާއިރު އެގޭގެ ކުޑަ ދޮރެއްގެ ބިއްލޫރިތައް ތަޅާލުމުގެ އިތުރަށް ފުރާޅަށް ގާވެސް އުކާފައިވެއެވެ.
" މިގޭގައި ކުޑަ ދެކުދިން ވެސް ނިދަން ތިއްބާ މި އަމަލް ހިންގުމުގެ ސަބަބުން އެކުދިން ވެސް ތިބީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި. މިކަހަލަ އަމަލުތައް އެއްގޮތަކަށް ވެސް ބަލައެއް ނުގަނެވޭނެ" ލިލަކުގެއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ޒުހެއިރު ދިރިއުޅުއްވާ ގޭގެ ބިއްލޫރިތައް ތަޅާލާފައި މިވަނީ އައްޑޫ ސިޓީގެ ވިޔަފާރިވެރިން ކަރަންޓު ބިލްތަކުގެ މައްސަލައިގައި ފެނަކަ ކޯޕަރޭޝަނާއި ދެކޮޅަށް އަޑުއުފުލަމުން ގެންދާ ދަނޑިވަޅެއްގައި ކަން ފާހަގަކޮށްލެވެއެވެ.
މިކަމާއި ގުޅޭގޮތުން ހިތަދޫ ޕޮލިސް ސްޓޭޝަނަށް ގުޅާލުމުން އެފަރާތުން ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ މިކަމުގައި ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.