Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

ދެ ޖިންސްގެ ފުލުހުން ގުޅިގެން ނަތީޖާ ނެރުމަށް ގޮވާލައްވައިފި

މި އަހަރަކީ ފުލުހުންގެ ވަޒީފާ އަދާ ކުރާ އަންހެން ފުލުހުންނާއި ފިރިހެން ފުލުހުން ގުޅިގެން ވަރަށް އާދަޔާ ޚިލާފު މަސައްކަތްތަކެއް ކޮށްގެން ރަނގަޅު ނަތީޖާތަކެއް ނެރެދެވޭ އަހަރަކަށް ހެދުމަށް ގަދައަޅާ މަސައްކަތް ކުރެއްވުމަށް ކޮމިޝަނަރު އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް ގޮވާލައްވައިފި އެވެ.

ފުލުހުން މި އަހަރު އިސްކަންދޭ ކަންކަން އިޢުލާން ކުރެއްވުމަށް އިސްކަންދަރު ބިލްޑިންގްގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ފުލުހުންނާއި މުޚާތަބު ކުރައްވަމުން ކޮމިޝަނަރު ވިދާޅުވީ ހުރިހާ ފުލުހުން ގުޅިގެން އެއް ރޫހެއްގައި މަސައްކަތްކޮށްފި ނަމަ އޮޕަރޭޝަނަލް ޕްރިއޯރިޓީސްގައި ހިމެނިފައިވާ ކަންކަން ހާޞިލުވުމަށް ވަރަށް ބޮޑު ބާރަކަށް ވާނެ ކަމަށެވެ.

ކޮމިޝަނަރު ވިދާޅުވީ އޮޕަރޭޝަނަލް ޕްރިއޯރިޓީސްގައި ހިމެނޭ ކަންކަން ހާޞިލުކުރުމަށްޓަކައި ފުލުހުންނަށް ފޯރުކޮށް ދޭން ޖެހޭ ފަންނީ ޢިލްމާއި ހުނަރުތަކަށް ވިސްނައިގެން އެދާއިރާތަކުން މީހުން ތަމްރީނު ކުރުމަށް އިންސްޓިޓިއުޓް ފޮ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް “އައިލްސް”އިން ތަމްރީނުތައް ވެސް ރާވާ ހިންގަވާނެ ކަމަށެވެ.
އަދި އެންމެހައި ސަޕޯޓް ސަވިސް ޑައިރެކްޓަރޭޓްތަކުން އޮޕަރޭޝަންސްގައި މަސައްކަތްކުރާ ފުލުހުންނަށް ކަންކަން ފަސޭހަކޮށް ދިނުމުގެ ވިސްނުން ގެންގުޅުމަށާއި އެތަންތަނުގެ ހަޤީޤީ މަޤުޞަދަކަށް ވާން ޖެހޭނީ ވީހާވެސް ފަސޭހަ އިން ކަންކަން ފަހިވާނެ ގޮތްތައް ހޯދައި ދިނުން ކަމަަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުންގެ މަސައްކަތްތަކަކީ ވަރަށް ގިނަ ބައެއްގެ ނަޒަރު ހުއްޓިފައިވާ އަދި ގިނަ ބަޔަކު ފާރަވެރިވާ މަސައްކަތެއް ކަމަށެވެ. އެހެންކަމުން ބިނާކުރަނިވި ފާޑުކިޔުންތަކަކީ ކުރިއެރުން ކަމަށް ބަލައިގެން އެ ވިސްނުމުގައި ކުރިއަށް ދިއުމަށް ހުރިހާ ފުލުހުން ވެސް އަޒުމް ކަނޑައެޅުމަށް ކޮމިޝަނަރު ގޮވާލެއްވި އެވެ.
އަދި ފުލުހުންގެ އަޚްލާޤް އެންމެ މަތީ މިންގަނޑުގައި ހިފަހައްޓައި ރައްޔިތުންނަކީ ފުލުހުންގެ ކަސްޓަމަރުން ކަމަށް ދެކި ރައްޔިތުންނާއި ރީތި ބަހުން އިޙްތިރާމާއެކު މުޢާމަލާތް ކުރުމަށް ވެސް އެދިވަޑައިގެންނެވި އެވެ.
މީހުންނާއި މުޢާމަލާތް ކުރުމުގެ ހުނަރަކީ ހުރިހާ ފުލުހުން ވެސް އަށަގަންނުވަން ޖެހޭ ހުނަރެއް ކަމަށް ފާހަގަ ކުރައްވަމުން ކޮމިޝަނަރު ވިދާޅުވީ އެފަދަ ހުނަރު ނެތް ފުލުހުންނަށް ތަމްރީނު ހިންގައިގެން ވެސް އެކަން ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ.

ރިޔާޒް ވިދާޅުވީ ފުލުހުންގެ މަސައްކަތް ބަލައި ގަންނަ ގިނަ ބަޔަކު މުޖުތަމަޢުގައި ތިބި ނަމަވެސް ފުލުހުންގެ ޢަޒުމަކަށް ހަދަންވީ މިއަދު ފުލުހުންނާ މެދު އިތުބާރު ނުކުރާ މީސްމީހުންގެ އިތުބާރު ހޯދަން ކަމަށެވެ. އަދި އެކަން ކުރެވޭނީ ފުލުހުން ރަސްމީ ޑިއުޓީގަ އާއި އަދި އެނޫން ގަޑިތަކުގައި ވެސް ރައްޔިތުންނަށް ނަމޫނާ ދައްކައިގެން ކަމަށްވެސް ކޮމިޝަނަރ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުން މުޢާމަލާތް ކުރަން ޖެހޭ މީހަކީ ކޮންމެ ޤައުމެއްގެ ކޮންމެ ފަންތިއެއްގެ މީހެއްކަމުގައި ވިނަމަވެސް އެއްވެސް ތަފާތު ކުރުމެއް ނެތި މުޢާމަލާތް ކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ވެސް ކޮމިޝަނަރު ވިދާޅުވީ ފުލުހުން މުޢާމަލާތް ކުރަން ޖެހޭ މީހަކީ ކުށެއްގެ ތުހުމަތުގައި މުޖުތަމަޢު އިން އެކަހެރި ކޮށްފައި ހުރި މީހެއްނަމަވެސް އެފަދަ މީސްމީހުންނާ ވެސް ފުލުހުން މުޢާމަލާތް ކުރަން ޖެހޭނީ ޕްރޮފެޝަނަލްކަމާ އެކު ކަމަށެވެ. އަދި އެފަދަ މީހަކަށް ވެސް ޤާނޫނުން ލިބިދޭ އަދަބަށް ވުރެ އިތުރު ކަމެއް އޮވެގެން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.