Last Updated: July 27, 17:05
Sunday, July 27, 2025
ކުޅިވަރު

ރަން މެޑަލް ލިސްޓުގެ އެންމެ ކުރިއަށް ޗައިނާ

ފްރާންސްގެ ޕެރިހުގައި ކުރިއަށްދާ އޮލިމްޕިކް ގޭމްސްގެ ރަން މެޑަލް ލިސްޓުގެ އެންމެ ކުރިއަށް ޗައިނާ ޖެހިލައިފި އެވެ.

އޮލިމްޕިކްސްގެ އޮފިޝަލް މެޑަލް ލިސްޓުގެ އެންމެ ކުރީގައި އަބަދުވެސް އުޅޭނީ އެންމެ ގިނަ ރަން މެޑަލް ހޯދާ ޓީމެވެ.

އޮލިމްޕިކް ގޭމްސްގެ ފުރަތަމަ 8 ދުވަސް ނިމުނުއިރު ޗައިނާ އިން ވަނީ ޖުމްލަ 37 މެޑަލް ހޯދާފަ އެވެ. އޭގެތެރޭގައި 16 ރަން މެޑަލް ހިމެނެ އެވެ. ދެން ހިމެނެނީ 12 ރިހި މެޑަލް އާއި 9 ލޯ މެޑަލް އެވެ.

ރަން މެޑަލް ލިސްޓުގެ ދެ ވަނައިގައި އޮތީ އެމެރިކާ އެވެ. އެ ގައުމުން ވަނީ 14 ރަން މެޑަލް ހޯދާފަ އެވެ. ޗައިނާއާ އަޅާ ބަލާއިރު އެމެރިކާގެ ޖުމްލަ މެޑަލްގެ އަދަދު ގިނަ އެވެ. އެމެރިކާ އިން ވަނީ 61 މެޑަލް ހޯދާފަ އެވެ. އެއީ 14 ރަން މެޑަލްގެ އިތުރުން 24 ރިހި މެޑަލް އަދި 23 ލޯ މެޑަލް އެވެ. މި ލިސްޓުގެ ތިންވަނައިގައި އޮތީ ގޭމްސް ބާއްވާ ފްރާންސް އެވެ. ފްރާންސުން ޖުމްލަ 41 މެޑަލް ހޯދާފައިވާއިރު އޭގެތެރޭގައި 12 ރަން މެޑަލް ހިމެނެ އެވެ.

މިފަހަރުގެ ގޭމްސްގައި އެންމެ ގިނަ އެތުލީޓުން ބައިވެރިވަނީ ފްރާންސުންނެވެ.

މި މަހުގެ 11 ގެ ނިޔަލަށް ކުރިއަށްދާ އޮލިމްޕިކްސް ގޭމްސްގައި 32 ކުޅިވަރަކުން 10،500 އެތްލީޓުން ވާދަކުރެ އެވެ.