ސިފައިންގެ 123 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން އަންނަ ހޮނިހިރު ދުވަހު އައްޑޫގައި ބާއްވަން ނިންމި ދުވުން މި މަހުގެ 30 އަށް ފަސްކޮށްފި އެވެ.
އެމްއެންޑީއެފް އިން ބުނާގޮތުގައި ފަސް ކިލޯ މީޓަރަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ ދުވުމުގެ ހަރަކާތް ފަސްކުރީ ވީހާ ވެސް ގިނަ ބަޔަކަށް ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށްޓަކައެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވަން އެންމެ ފުރަތަމް ހަމަޖެއްސި ފަސް ކިލޯ މީޓަރުގެ ދުވުން މިހާރު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މަހުގެ 30 ވަނަ ދުވަހު ހަވީރު 4:00-6:00 އަށެވެ.
ދުވުން ފެށުމަށް ހަމަޖެހިފައި ވަނީ މަރަދޫ ފުޓްބޯޅަ ދަނޑުންނެވެ. އެހެންވެ ދުވުމުގައި ބައިރިވާން ބޭނުންވާ ފަރާތްތަކުން 30 ވަނަ ދުވަހު މަރަދޫ ދަނޑަށް ދިއުމުން، އެ އިންތިޒާމު ހަމަޖެހިފައި ވާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފް ސަދަން އޭރިއާގެ ބެލުމުގެ ދަށުން ކުރިއަށްދާ މިދުވުން މަރަދޫ ދަނޑުން ފެށުމަށް ފަހު، ލިންކް ރޯޑަށް ނިކުމެ ދުވުން ނިންމާނީ ފޭދޫ ބޯޅަދަނޑަށެވެ.