Last Updated: April 29, 21:04
Monday, April 29, 2024
ޚަބަރު

އިންސާނީ ޚިދުމަތްދޭ ތަންތަނުން ކަރަންޓް ކަނޑާނުލުމަށް ކައުންސިލުން ގޮވާލައިފި

ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ތަބާވެ، ހޮސްޕިޓަލް ފަދަ އިންސާނީ ޚިދުމަތްދޭ ތަންތަނުން ކަރަންޓް ކަނޑާނުލުމަށް އެދޭ ކަމަށާއި ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތުން އެ ރައްޔިތުން މަޙްރޫމްވިޔަ ނުދިނުމަށްޓަކައި އައިއެމްޑިސީ ހޮސްޕިޓަލަށް ފެނަކައިން ދެމުންގެންދާ ކަރަންޓްގެ ޚިދުމަތް ވީހާވެސް އަވަހަކަށް ލިބޭނެ ގޮތް ހެދުމަށް އައްޑޫ ސިޓީ ކައުންސިލުން ގޮވާލައިފިއެވެ.

އައްޑޫ ސިޓީގައި ހިންގާ ހަމައެކަނި ޕްރައިވެޓް ހޮސްޕިޓަލުން ކަރަންޓް ކަނޑާލުމާ ގުޅިގެން އެތަނުގެ ޚިދުމަތް ހުއްޓުމަކަށް އައުމުން އެކަން ކުށްވެރިކުރައްވައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން މިއަދު ނެރެފައިވާ ބަޔާނުގައިވަނީ، އައިއެމްޑީސީން ކަރަންޓް ކަނޑާލީ އައްޑޫގެ ފިހާރަތަކާއި ވިޔަފާރިކުރާ ތަންތަނުގެ ކަރަންޓް ބިލް ބޮޑުވުމާއި ގުޅިގެން އެކަމާ ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކޮށް އެކަމުގެ ޝަކުވާ ފެނަކަ ކޯޕަރޭޝަނަށް ހުށަހަޅާފައި ވަނިކޮށް ކަމަށެވެ.

ފެނަކައިން އެޅި ފިޔަވަޅަކީ، ބައިނަލްއަޤްވާމީ މިންގަނޑުތަކާއި، އަމަލުކުރަމުންދާ ހަމައިން ބެލި ކަމުގައި ވިއަސް ވަރަށް އަނިޔާވެރި ރަހުމްކުޑަ ފިޔަވަޅެއް ކަމަށާއި، ދުނިޔޭގެ ބޮޑެތި ހަނގުރާމަ ހިނގާ ތަންތަނުގައި ވެސް އެތަންތަނުގެ ހޮސްޕިޓަލްތަކަށް ހަމަލާނު ދޭކަން ފާހަގަކޮށް އައްޑޫ ސިޓީ ކައުންސިލުން ބުނީ ގަސްދުގައި ނޫނަސް ހޮސްޕިޓަލަކަށް ބޮން އަޅައިފިނަމަ، އެކަން ބެލެވެނީ ބޮޑު ޖަރީމާއެއްގެ ގޮތުގައި ކަމަށެވެ. އަދި ބައިނަލްއަޤްވަމީ ފަރާތްތަކުން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށް ހަދާކަމަށެވެ.

އައި.އެމް.ޑީ.ސީއަކީ އައްޑޫ ސިޓީ އާއި ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގެ އެތަކެއް ރައްޔިތުން ސިއްޙީ ޚިދުމަތް ލިބިގަންނަ ތަނަކަށްވާއިރު، އިހާނެތި ގޮތަކަށް ކަރަންޓް ކަނޑާލުމާ ގުޅިގެން ގިނަ ރައްޔިތުންތަކެއް ސިއްޙީ ޚިދުމަތުން މަޙްރޫމް ކުރެވިފައިވާތީ ނުހަނު ހިތާމަކުރާ ކަމަށާއި، ކަރަންޓް ކަނޑާލުމުން އެ ހޮސްޕިޓަލްގެ ޚިދުމަތްތަކަށް ބުރޫއަރާފައި ކަމަށް ވެސް ސިޓީ ކައުންސިލްގެ ބަޔާނުގައި ވެއެވެ.

އެހޮސްޕިޓަލްގައި މަސައްކަތްކުރާ ޑޮކްޓަރުންނަށާއި މުވައްޒަފުންނަށް މިކަމުގެ ސަބަބުން ބިރުވެރިކަމެއް ކުރިމަތިވެފައި ވާކަން ފާހަގަކޮށް ސިޓީ ކައުންސިލްގެ ބަޔާނުގައި ވަނީ ހޮސްޕިޓަލެއްގެ ޚިދުމަތަކީ، ރައްޔިތުންގެ ފުރާނައާ ގުޅިފައިވާ ޚިދުމަތަކަށްވާއިރު، އެތައް ބަޔަކު ޚިދުމަތް ލިބިގަންނަ ހޮސްޕިޓަލަކުން ކަރަންޓްގެ ޚިދުމަތް ކަނޑާލުމަކީ، ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ކަރަންޓްގެ އަގަށް ސަރުކާރުން މިގެނައި ބަދަލަކީ، ވިޔަފާރިވެރިންނާއި، އާއްމު ރައްޔިތުންނަށް ދެއްކޭވަރުގެ އަގެއް ކަމަށް ރައްޔިތުން ގަބޫލުނުކުރާ ކަން ފާހަގަކޮށް، އައްޑޫ ސިޓީ ކައުންސިލުން ބުނެފައި ވަނީ އައްޑޫގެ ފިހާރަތަކުން ކަރަންޓް ކަނޑާލަމުން ދަނީ، ކަރަންޓް ބިލްތައް ބޮޑުވުމާއި ގުޅިގެންވިޔަފާރިވެރިންނަށް ދަތިތަކާ ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.