ބަންގްލަދޭޝްގެ ބޮޑުވަޒީރު ކަމުން މިއަދު އިސްތިއުފާ ދެއްވި ޝައިހް ހަސީނާ ގައުމު ދޫކުރައްވާ، އަވަށްޓެރި އިންޑިއާ އަށް ވަޑައިގެންފި އެވެ.
ހަސީނާ ،76، ދަތުރު ކުރެއްވި އަސްކަރީ މަތިންދާބޯޓު އިންޑިއާގެ ނިއު ދިއްލީގެ ގަޒީއާބާދު އެއާޕޯޓަށް ޖެއްސުމުން، އެއާޕޯޓުން އޭނާ އަށް މަރުހަބާ ދެންނެވީ އިންޑިއާގެ އަސްކަރިއްޔާގެ އޮފިޝަލެކެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން އިންޑިއާގައި މަޑު ކުރެއްވުމަށްފަހު ހަސީނާ ދެން ވަޑައިގަންނަވާނީ އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށެވެ. އަދި އެގައުމުން ހިމާޔަތް ހޯއްދަވަން ހަސީނާ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެ އެވެ.
ބަންގްލަދޭޝްގެ ސަރުކާރުން ކަނޑައަޅާފައިވާ ވަޒީފާގެ ކޯޓާއާ ދެކޮޅަށް ކޮލެޖް ދަރިވަރުން ކުރަމުންދިޔަ މުޒާހަރާތައް ހޫނުވެ، އެންމެފަހުން މިއަދު މުޒާހަރާގެ ބައިވެރިން ވަނީ ހަސީނާ ދިރިއުޅުއްވި ގަނޑުވަރާއި އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ވަދެގަނެ އެ ތަންތަން ހިސޯރުކޮށްފަ އެވެ.
ބަންގްލަދޭޝްގައި 15 އަހަރު ވަންދެން ވެރިކަން ކުރަމުން އައި ހަސީނާ އިސްތިއުފާ ދެއްވުމާ ގުޅިގެން ވަގުތީ ސަރުކާރެއް އެކުލަވާލަން އެގައުމުގެ އަސްކަރިއްޔާ އިން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.
މިދިޔަ މަހުން ފެށިގެން ބަންގްލަދޭޝްގައި ކުރިއަށްދާ މުޒާހަރާތަކުގައި 300 އަށް ވުރެ ގިނަ މީހުން ވަނީ މަރާލާފަ އެވެ.