Last Updated: April 29, 12:51
Monday, April 29, 2024
ޚަބަރު

ހިތަދޫ ހޮސްޕިޓަލާއި ދައުލަތުގެ ބައެއް އޮފީސްތަކުން ވެސް ކަރަންޓް ބިލް ނުދައްކާ

ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އިތުރުން އައްޑޫގައި ހުރި ދައުލަތުގެ ބައެއް އޮފީސްތަކުން ވެސް ކަރަންޓު ބިލް ދައްކާފައި ނުވާކަން ވަރަށް އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެޕްރީލް މަހުގެ ކަރަންޓު ބިލް ނުދައްކާ ފަރާތްތަކުގެ ތެރޭގައި ޕީޖީ އޮފީހާއި، ހިތަދޫ ޕޮލިސް ސްޓޭޝަން، ގަން ޕޮލިސް ސްޓޭޝަން އަދި އެމްއެންޑީއެފް ސަދަން އޭރިޔާގެ އިތުރުން ބައެއް ސްކޫލްތަކުން ވެސް ހިމެނެއެވެ. އެހެން ނަމަވެސް އެފަރާތްތަކަށް ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން ނޯޓިސް ދީފައި ނުވާކަމަށް ވެއެވެ.

ފެނަކަ ކޯޕަރޭޝަނުގެ މުވައްޒަފަކު އައްޑޫލައިވް އަށް މައުލޫމާތު ދެމުން ބުނިގޮތުގައި ހިތަދޫ ހޮސްޕިޓަލުގެ ބިލްތަކަށް ލާރި ނުދައްކާތާ 4 މަސް ވެފައިވާ ކަމަށާއި އެމްއެންޑީއެފް އަދި ޕޮލިހުގެ ބިލްތަކަށް ވެސް ލާރި ދައްކާފައި ނުވާކަމަށެވެ.

ކަރަންޓު ބިލްތައް ނުދައްކާތާ ގިނަ ދުވަސް ވެފައިވާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ކަރަންޓުގެ ޚިދުމަތް ކަނޑާފައި ނުވާއިރު މާޗް މަހުން ފެށިގެން ކަރަންޓް ބިލަށް ގެނައި ބަދަލާ ގުޅިގެން ފާއިތުވި ދެ މަހުގެ ކަރަންޓް ބިލް ނުދައްކައި އޮއްވައި ހިތަދޫގައި ހުންނަ ޕްރައިވެޓް ހޮސްޕިޓަލް އައިއެމްޑީސީން ވަނީ ކަރަންޓު ކަނޑާލާފައެވެ.

ކުރިން އެންގުމަކާއި ނުލައި ޔުނިޓަކަށް ނަގާ އަގު ބޮޑުކޮށް ،އައްޑޫ ސިޓީގެ ވިޔަފާރިތަކަށް ފޮނުވި މާޗް މަހާއި އެޕްރީލް މަހުގެ ކަރަންޓު ބިލްތައް ބޮޑުވެފައިވާތީ އެމައްސަލަ ވިޔަފާރިވެރިން ވަނީ ފެނަކަ ކޯޕަރޭޝަނަށް ހުށަހެޅި ނަމަވެސް އެ ޝަކުވާތަކަށް ޖަވާބެއް ނުދީ ފެނަކަ ކޯޕަރޭޝަނުން ދަނީ ކަރަންޓު ބިލް ނުދައްކާ ވިޔަފާރިތަކުން ކަރަންޓުގެ ޚިދުމަތް ކަނޑަމުންނެވެ.