Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

އައްޑޫ ސިޓީގައި އިކޯ ޓޫރިޒަމް ފެސިލިޓީއެއް ގާއިމް ކުރަނީ

އީދިގަލި ކިޅި. ފޮޓޯ: ޝަރަފް

އައްޑޫ ސިޓީގައި އިކޯ ޓޫރިޒަމް ފެސިލިޓީއެއް ގާއިމް ކުރަން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ހިތަދޫގައި ހިމާޔަތް ކުރެވިފައިވާ އީދިގަލިކިޅި ސަރަހައްދުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ މި ސެންޓަރަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި ވޯލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ (ސީސީއޭޕީ) ގެ ދަށުން ގާއިމް ކުރާ ސެންޓަރެއް ކަމަެވެ.

މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތައް ހޮވާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގައި، ވޯލްޑް ބޭންކު ގައިޑްލައިންތަކުގައިވާ ގޮތުގެ މަތިންނެވެ.

އިކޯ ޓޫރިޒަމް ފެސިލިޓީގެ މަޝްރޫއު އަށް ކުރިމަތިލާ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ދައްކައި ހަލާސް ކޮށްފައިވާކަމަށް މީރާއިން ދޫކޮށްފައިވާ ލިޔުން (ނޯ-ޑިޔު ރިޕޯޓް) ބީލަމާއެކު ހުށަހަޅަންޖެހޭނެ ކަމަށާއި، އަދި މި ލިޔުން ވާންވާނީ ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް ފަސް ދުވަހަށްވުރެ އިތުރު ތާރީހެއްގެ ލިޔުމަކަށް ކަމަށް އިއުލާނުގައިވެއެވެ.

މި ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 70،000ރ. ހުށަހަޅަން ޖެހޭއިރު ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 119 ދުވަހެވެ. ޕާފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ ފަސް ޕަސެންޓެވެ. އަދި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ 15 ޕަސެންޓް ހުށަހެޅުމުން ލިބެއެވެ.

ބިޑް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ 15 ވަނަ ދުވަހެވެ.