އެސްޓީއޯ އިން މާލޭގައި 25 ބުރީގެ ކޮމާޝަލް އިމާރާތެއް އެޅުމަށް ނިންމައި، ޝައުގުވެރިކަން ހުރި ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.
އެސްޓީއޯ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ 25 ބުރީގެ ކޮމާޝަލް އިމާރާތެއް އަޅަނީ ކުންފުނީގެ ވިޔަފާރި ފުޅާކުރުމާއެކު، ޖާގަ އިތުރު ކުރުމުގެ ބޭނުމުގައި ކަމަށެވެ.
މި އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ މާލޭގައި ހުންނަ އެސްޓީއޯގެެ ހެޑް އޮފީހާ އިންވެގެން އޮންނަ 15،000 އަކަ ފޫޓުގެ ބިމެއްގަ އެވެ.
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން، އެސްޓީއޯގެ 15 ޕަސެންޓް އިކުއިޓީ ހިމެނޭ ގޮތަށް ކުރިއަށްގެންދަން ނިންމާފައިވާ މި މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރެވޭނީ 18 މިލިއަން ޑޮލަރު ނުވަތަ އެއަށް ވުރެ ފާއިތުވި ފަސް އަހަރު ތެރޭ އެފަދަ ބޮޑު މަޝްރޫއުއެއް ހިންގާފައިވާ ފަރާތްތަކަށް ކަމަށް އެސްޓީއޯގެ އިއުލާނުގައި ބުނެފައިވެ އެވެ.
މި މަޝްރޫއު އަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު މި މަހުގެ 13 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.