ސ.ފޭދޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އޮގަސްޓް މަހުގެ ތެރޭގައި ފެށޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ފޭދޫ ދާއިރާގެ ތަރައްޤީ އާއި ގުޅޭ މަޝްރޫއުތަކާއި ބެހޭގޮތުން ފޭދޫ ދާއިރާގެ މެންބަރ އިބްރާހިމް ދީދީ (އައިބީ) ވަނީ މިއަދު ހައުސިން މިނިސްޓަރ އާއި މަޝްވަރާކުރައްވާފައި ވާއިރު ، އެ ބައްދަލުވުމުގައި ބައިވެރިވި ބޭފުޅަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި ފޭދޫގައި އިމާރާތްކުރެވިފައިވާ ހައުސިން ޔުނިޓްތައް ވަރަށް އަވަސް މުސަތްޤްބަލެއްގައި މަރާމާތުކޮށް ފެންވަރު ރަނގަޅު ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ވެސް މިނިސްޓަރ މުއިއްޒު ދެއްވާފައިވާ ކަމަށެވެ.
ބިމުގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާ ފޭދޫގެ ބިންހިއްކާނެ ފަރާތެއްހޯދުމަށް ފިނޭންސް މިނިސްޓްރީގެ ފަރާތުން މިމަހުގެ 4 ވަނަ ދުވަހު ވަނީ އިއުލާންކޮށްފައެވެ.
ޖުމްލަ 170 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ސަރުކާރުން ލަފާކުރާ ބިންހިއްކުމުގެ މަޝްރޫޢުގެ ދަށުން 46 ހެކްޓަރުގެ ބިން ހިއްކާގޮތަށް ވަނީ ހަމަޖެހިފައެވެ.