މޭޑޭ މުޒާހަރާއަށް ފަހު މިމަހުގެ މިހާތަނަށް ގިނަ އަދަދެއްގެ ފުލުހުންނަށް ޕްރޮމޯޝަން ދީފައިވާ ކަމަށް "އައްޑޫލައިވް"އަށް މައުލޫމާތު ލިބިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާތަނަށް 200 އަށް ވުރެ ގިނަ ފުލުހުންނަށް މަގާމުގެ ކުރިއެރުން ދީފައިވާ އިރު 400 އެއްހާ ފުލުހުންނަށް މަގާމު ކުރިއެރުން ދިނުމަށް ނިންމާފައިވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންނަށް އަބަދުވެސް މަގާމުގެ ކުރިއެރުން ދެމުންގެންދާ ކަމަށާއި، ޝަރުޠު ފުރިހަމަވާ ފުލުހުން ބެލުމަށްފަހު އެބޭފުޅުންނަށް ހައްގު މަގާމުގެ ކުރިއެރުން ދެމުން ގެންދާ ކަމަށެވެ. ނަަމަވެސް މަގާމުގެ ކުރިއެރުން މިފަހުން ދީފައިވަނީ ކިތައް ފުލުހުންންކަމެއް މީޑިއާ އޮފިޝަލް ވިދާޅެއް ނުވެއެވެ.
ކުރިން ފުލުހުންނަށް މަގާމުގެ ކުރިއެރުން ދިނުމަށް ހާއްސަ ރަސްމިއްޔާތުތައް ބާއްވައެވެ. އެގޮތުން ފުލުހުންގެ އަހަރި ދުވަހާއި އެފަދާ ހާއްސަ ދުވަސްތަކުގައި ބޮޑު ޖަލްސާ ބާއްވައި އެފަދަ ފުލުހުންނަށް މަގާމުގެ ކުރިއެރުމުގެ ލިއުން ހަވާލު ކުރެއެވެ.
ނަމަވެސް މީޑިއާ އޮފިޝަލް ވިދާޅުވީ މިފަހުން ފުލުހުންގެ މަގާމުގެ ކުރިއެރުން ފާހަނގަކުރުމަށް ރަސްމީ ބައްދަލުވުން ނުބާއްވާ ކަމަށެވެ.
ފުލުހުންނަށް މަގާމުގެ ކުރިއެރުން ދެމުންދާއިރު، މޭއި މަހުގެ 1 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ހައްޔަރު ކުރި މީހުންނަށް ފުލުހުން އަނިޔާ ކުރިކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފުލުހުންނަށް ފާޑު ކިޔަމުންނެވެ.