މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ފަސް މެނޭޖިން ޑިރެކްޓަރުން ހޯދަން އިއުލާންކޮށްފި އެވެ.
އެމްއެމްއޭއިން މެނޭޖިން ޑިރެކްޓަރުން ހޯދަނީ މަނިޓަރީ ޕޮލިސީ، ރިސާޗް އެންޑް ސްޓެޓިސްޓިކްސް ދާއިރާއާއި، ފައިނޭންޝަލް ސްޓެބިލިޓީ ދާއިރާގެ އިތުރުން، ބޭންކިން އޮޕަރޭޝަންސް ދާއިރާއާއި ކޯޕޮރޭޓް ސަވިސަސް ދާއިރާ އަދި ފައިނޭންޝަލް ސެކްޓާ ޑިވަލަޕްމަންޓް ދާއިރާ އަށެވެ.
އެމްއެމްއޭއިން ކުރި އިއުލާނެއްގައި ބުނީ އެ މަގާމުތަކަށް ހުނަރުވެރި ގާބިލް އަދި އިހްލާސްތެރިކަމާއި ތެދުވެރިކަމާ އެކު ކުރިއަށް ދިއުމަށް ޝައުގުވެރިވާ މީހުން ބޭނުންވާ ކަމަށެވެ. މި ވަޒީފާތަކަކީ ދެ ޖިންސުގެ މީހުންނަށް ވެސް ހަމަހަމަ ފުރުސަތު އޮތް ވަޒީފާތަކެއް ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
މި ފަސް މަގާމުގެ ވެސް މުސާރަ އާއި އިނާޔަތަކީ 50,000ރ – 55,000ރ. ގެ އަދަދެއް ކަމަށް އެމްއެމްއޭގެ އިއުލާނުގައި ބުންޏެވެ. މެނޭޖިން ޑިރެކްޓަރުގެ މަގާމުގެ މުއްދަތަކީ ފަސް އަހަރުގެ ދެ ދައުރެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެމްއެމްއޭގައި މަސައްކަތްކުރާ މީހުންނަށް ވެސް އެބަ އޮތެވެ.
މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 22 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.