މި ފަސް އަހަރުތެރޭ މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) އިން 10،000 ވަޒީފާ އުފެއްދުމަކީ އަމާޒެއް ކަމަށް އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން ވަޖީހު ވިދާޅުވީ މި ވެރިކަމުގައި ރާއްޖޭގެ މެރިޓައިމް ދާއިރާ އަށް އެމްޕީއެލުން އިންގިލާބީ ބަދަލެއް ގެންނާނެ ކަމަށާއި ހަމައެކަނި ކާގޯ އޮޕަރޭޓެއް ކުރާ ކުންފުންޏެއްގެ ގޮތުގައި އެމްޕީއެލް ނޯންނާނެ ކަމަށެވެ. އޭގެ ބަދަލުގައި އެމްޕީއެލް ވެގެންދާނީ މެރިޓައިމް ދާއިރާގައި ރާއްޖޭގައި ފުޅާދާއިރާއެއްގައި ވިޔަފާރި ކުރާ ކުންފުންޏަކަށް ކަމަށާއި އެ ކަންކަމާއެކު އަމާޒަކީ މި ފަސް އަހަރުތެރޭ 10،000 ވަޒީފާ އުފެއްދުން ކަމަށް ވަޖީހު ވިދާޅުވި އެވެ.
"މި ކަންކަން ކޮށް ނިމޭއިރުގައި، އަޅުގަނޑުގެ އަމާޒަކީ މި ދައުރުގައި ހަމައެކަނި އަލަށް އެމްޕީއެލް އިން ހިންގާ ހަރަކާތްތަކުގެ ތެރެއިން 10،000 ވަޒީފާ އަލަށް އުފައްދާނެ،" ވަޖީހު ވިދާޅުވި އެވެ.
އެމްޕީއެލްގެ މައި ޕޯޓުގައި މިހާރުވެސް 2،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާކަން ފާހަގަކުރަމުން ވަޖީހު ވިދާޅުވީ އެމްޕީއެލުން މަސައްކަތް ކުރަނީ އެ މުވައްޒަފުންނާ އެކު މެރިޓައިމް ދާއިރާގައި ވިޔަފާރި ފުޅާކޮށްގެން އިތުރު 10،000 މީހުންނަށް ވަޒީފާ ދެވޭތޯ ކަމަށެވެ. އެ ވަޒީފާތައް އުފެދޭނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ހިންގޭ މެރިޓައިމް އެކި ހަރަކާތްތަކުން ކަމަށާއި މި ސަރުކާރުން އެކަން ކުރާނެ ކަމަށް ސީއީއޯ ވިދާޅުވި އެވެ.