އާއިލީ ގުޅުން ދަމަހައްޓަން ގައުމީ ފެންވަރުގައި މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
ހުކުރު ހުތުބާގައި ބުނީ ޢާއިލާއަކީ މުޖުތަމަޢުގެ ބިންގައު ކަމަށާއި މި ބިންގާ ވަރުގަދަކުރެވިގެން ނޫނީ މުޖުތަމަޢު ބާރުވެރިއެއް ނުކުރެވޭނެ ކަމަށެވެ. މިއަދު އިސްލާމީ އުންމަތް މި ވަނީ ބާރުވެރި، ޣީރަތްތެރި މުޖުތަމަޢަކަށް ނުހަނު ބޭނުންވެފައި ކަމަށާއި އާއިލީ ޒިންމާގެ ތެރޭގައި މުޖުތަމަޢަށް ބޭނުންވާ ހުރިހައި ދާއިރާތަކަށް މީހުން ބިނާކުރުން ހިމެނޭ ކަމަށް ހުތުބާގައި ބުންޏެވެ.
އޭގެ ތެރޭގައި މުފައްކިރުންނާއި، އެދުރުންނާއި، ފަންނުވެރީންނާއި، މަސައްކަތްތެރީންނާއި، ފާރަވެރީން އުފެއްދުން ހިމެނޭ ކަމަށާއި ޢާއިލީ ގުޅުމުގެ ބޭނުމަކީ މި ފަދަ ޝަޚުޞިއްޔަތުތައް ބިނާކުރުން ކަމަށްވާއިރު މި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރެވޭނީ ޢާއިލީ ގުޅުން ހަރުދަނާ ކުރެވިގެން ކަމަށް ބުނެފައިވެ އެވެ.
"ތަނަވަސްކަން ލިބިގެންވާ މީހުން، ދަތިޙާލުގައި އުޅޭ މީހުންނަށް އެކިގޮތްގޮތުން އެހީތެރިވެދީގެންނެވެ. ޢާއިލީ ގުޅުން ހަރުދަނާ ކުރުމަށް ޓަކައި ޢާއިލާގެ މެންބަރުންގެ މެދުގައި އެއްބާރުލުމާއި އެއްބައިވަންތަކަން ޤާއިމުކުރާން ޖެހެއެވެ. ޢާއިލާގެ ހުރިހާ މެންބަރުން ގުޅިގެން ޢާއިލާ ހަރުދަނާކުރާން މަސައްކަތްކުރާން ޖެހެ އެވެ،" ހުތުބާގައި ބުންޏެވެ.
ޢާއިލާގެ ފަރާތުން ރައްކާތެރިކަމާއި، އަޅައިލުމާއި، ލޯބި ނުލިބުމުގެ ސަބަބުން ޢާއިލީ ވެށްޓެއްގައި ދިރިއުޅުމުގެ ނަސީބުން މަޙުރޫމްވެފައިވާ އެތައް އެތައް ކުޑަކުދީންނާއި، ދޮށީ ޢުމުރުގެ މީހުން މި ދިވެހި ފަސްގަނޑުގައިވެސް ދިރިއުޅެމުންދާ ކަމަށާއި ސަރުކާރުގެ ބެލުމުގެ ދަށުން ހިންގަމުންދާ މަރުކަޒުތަކުގައި އެމީހުން ތިބިއިރު މިއީ ދީނީގޮތުންނާއި އިޖްތިމާޢީގޮތުން ބަލާއިރު، ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.
ޢާއިލީ ވެށްޓެއްގައި އުފާވެރިކަމާ އެކު ދިރިއުޅުމަކީ ކޮންމެ ފަރުދަކަށް ވެސް ލިބިގެންވާ ޙައްޤެއް ކަމަށާއި އެ ޙައްޤުން ޢާއިލާގެ މެންބަރަކު މަޙްރޫމުކުރުމަކީ އިންސާނީ ކުރިމަގަށް ނޭދެވޭ އެތައް އަސަރުތަކެއް ކުރާނެ ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ. ވަކިން ޚާއްޞަކޮށް ޢުމުރުން ދުވަސްވީ ޢާއިލީ މީހުންނާއި، ޚާއްޞައެހީއަށް ބޭނުންވާ މީހުންނާއި ނަފުސާނީ މައްސަލަތައް ކުރިމަތިވެފައިވާ ފަރާތްތަކަށް އެފަރާތްތަކުގެ ޢާއިލާތަކުގެ އަޅާލުމެއް ނެތި މި ފަދަ މަރުކަޒުތަކުގައި ދިރިއުޅޭން ޖެހުމަކީ އެ ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަން އިތުރަށް ގޯސްވުމަށް މަގުފަހިވާ ކަމެއްކަން ފާހަގަކުރެވިފައިވާ ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.
މީގެއިތުރުން އާއިލީ ގުޅުން ދެމެހެއްޓުމަށް ކަމާބެހޭ އެންމެހާ ފަރާތްތައް ގުޅިގެން، ޤައުމީ ފެންވަރުގައި ގިނަގުނަ މަސައްކަތްތަކެއް ކުރުމަކީ މިއަދު ކުރާން ޖެހިފައިވާ ދީނީ، އިޖުތިމާޢީ ބޮޑު މަސައްކަތެއް ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.