Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

އެމްޑީޕީގެ މެޖޯރިޓީ އޮންނަ އުކުޅަހު ކައުންސިލުން ދަރުހަކަށް ހުރަސް އަޅައިފި

އއ. އުކުޅަހުގައި ރޭ ޖަމިއްޔަތުއް ސަލަފުގެ ފަރާތުން ބާއްވަން އުޅުނު ޝެއިހް އަހްމަދު ސަމީރުގެ ދީނީ ދަރުހަކަށް އެމްޑީޕީގެ މެޖޯރިޓީ އޮންނަ އެ ރަށު ކައުންސިލުން ހުރަސް އަޅައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ޝެއިޚް ސަމީރުގެ އިތުރުން ސަލަފް ޖަމިއްޔާގެ 12 ބޭފުޅަކު އުކުޅަހަށް ވަޑައިގަތީ އެ ރަށުގެ އަމިއްލަ ފަރާތަކުން ލިބުނު ދައުވަތަކަށެވެ. ނަމަވެސް އެ ރަށު ސްކޫލްގައި ރޭގެ އިޝާ ނަމާދަަށް ފަހު ބާއްވަން ރޭވި ދަރުހަށް ކައުންސިލް ހުއްދަ ނުދިނުމުން ވަނީ ބޭއްވޭ ގޮތް ނުވެފައެވެ.

ޝެއިޚް ސަމީރްގެ ފޭސްބުކް ޕޭޖްގައި ލިޔުއްވާފައިވާގޮތުގައި 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ 100 ރަށަކަށް ދަރުސް ދިނުމަށް ދަތުރުކުރައްވާފައި ވާއިރު މިއީ އެބޭފުޅާގެ ދަރުސަކަށް ހުއްދަނުދިން ފުރަތަމަ ފަހަރެވެ.

"ކައުންސިލުން ހުއްދަ ނުދިން ކަމަށް އަޅުގަނޑުމެންނަށް ދައުވަތު ދިން ފަރާތުން ބުނެފައި ވަނީ. ދެން ފަހުން އަޅުގަނޑުމެން އެ ރަށު ޒުވާނުންތަކަކާ ވާހަކަ ދައްކާލީމަ އެ މީހުން ބުނީ ރަށުގެ ދެ މީހަކު އެކަމާ ހިތްހަމަނުޖެހިގެން އުޅޭތީ ދަރުސް ބާއްވަން ކައުންސިލުން ހުއްދަ ނުދޭން ނިންމީ ކަމަށް،" ޝެއިޚް ސަމީރު އާއި ހަވާލާދީ ބައެއް މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

ޝެއިޙް ސަމީރު ވިދާޅުވި ގޮތުގައި ދަރުސް އިންތިޒާމު ކުރި ފަރާތުން އެ މީހުން އެ ރަށަށް ގެންދިޔައީ އއ. އަތޮޅުގެ ތިން ރަށަކަށް ޒިޔާރަތް ކުރާ ގޮތަށް ކަމަށާއި އަދި ކުރިން ހަމަޖެހިފައި އޮތީ މިއަދު އެރަށު މިސްކިތުގައި ވެސް ހުކުރު ކުރާ ގޮތަށް ކަމަށެވެ.

އުކުޅަހުގައި ދަރުސް ބޭއްވުމުގެ ހުއްދަ ނުލިބުމާއި ގުޅިގެން ޝެއިޚް ސަމީރް އާއި އެކު އުކުޅަހަށް ދިޔަ ބޭފުޅުން މިހާރު ވަނީ އެ އަތޮޅު މަތިވެރިއަށް ފުރައިފައެވެ.

ރޭ އުކުޅަހަށް ވަޑައިގެންނެވި ދީނީ އިލްމުވެރިންނަށް ދަރުސް ދިނުމުގެ ހުއްދަ ދެވެން ނެތް ކަމަށް އެރަށު ކައުންސިލުން ނިންމާފައިވަނީ އެ އިލްމުވެރިންނަކީ އަނިޔާ އާއި ދެކޮޅަށް އެއްވެސް ހަރަކާތަކުން ފެނިފައި ނުވާ ބަޔަކަށްވާތީ ކަމަށް ބުނެއެވެ.