Last Updated: July 27, 11:37
Sunday, July 27, 2025
ކުޅިވަރު

ސޮލާންކޭ ޓޮޓެންހަމް އަށް ބަދަލުވެއްޖެ

ބޯންމަތަށް ކުޅެމުން އައި އިންގްލެންޑްގެ ފޯވާޑް ޑޮމިނިކް ސޮލާންކޭ ޓޮޓެންހަމް އަށް ބަދަލުވެއްޖެ އެވެ.

ސޮލާންކޭ ،26، ބޯންމަތާއެކު ހަދާފައިވާ އެއްބަސްވުމުގައި 65 މިލިއަން ޕައުންޑްގެ ރިލީޒް ކްލޯސް (ކޮންޓްރެކްޓް އުވާލަންދައްކަން ޖެހޭ ފީ) އެއް ހިމެނުނު ނަމަވެސް ޓޮޓެންހަމްއާއެކު ކުރި މަޝްވަރާތަކުގައި ބޯންމަތުން ވަނީ އޭނާ 60 މިލިއަން ޕައުންޑަށް ވިއްކާލަން އެއްބަސްވެފަ އެވެ. މިއީ ބޯންމަތްގެ ތާރީހުގައި އެންމެ ބޮޑު އަގެއްގައި ވިއްކާލާ ކުޅުންތެރިޔާ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ސޮލާންކޭ ޓޮޓެންހަމަށް ބަދަލުވަނީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ސޮލާންކޭ އަކީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ޓޮޓެންހަމުން ހޯދަން ބޭނުންވި ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނުނު ކުޅުންތެރިޔާ އެވެ.

ސޮލާންކޭގެ ކެރިއަރުގެ އެންމެ މޮޅު ކުޅުން އޭނާ ދައްކާފައިވަނީ މިދިޔަ ސީޒަނުގަ އެވެ. އެގޮތުން މިދިޔަ ސީޒަނުގައި ބޯންމަތަށް ކުޅެދިން 42 މެޗުގައި 21 ގޯލު ވަނީ ކާމިޔާބުކޮށްދީފަ އެވެ.