Last Updated: July 14, 13:49
Tuesday, July 14, 2026
ދުނިޔެ

ބްރެޒިލްގައި މަތިންދާބޯޓެއް ވެއްޓި 61 މަރު

ބްރެޒިލްގައި މަތިންދާބޯޓެއް ވެއްޓި 61 މީހަކު މަރުވެއްޖެ އެވެ.

މި މަތިންދާބޯޓު ވެއްޓިފައިވަނީ ބްރެޒިލްގެ ޕަރަނާ ސްޓޭޓުން ސައޮޕާލޯގެ ގުއަރުލްހޯސް އެއާޕޯޓަށް ދަތުރުކުރަމުން ދަނިކޮށެވެ. މި ހާދިސާގައި ބޯޓުން ދަތުރުކުރި 57 ޕަސެންޖަރުންނާއި ހަތަރު ކްރޫން ވަނީ މަރުވެފަ އެވެ.

ފްރާންސްގައި އުފައްދާފައިވާ އޭޓީއާރު މަރުކާގެ މި ބޯޓު ވެއްޓުނީ އާންމުން ދިރިއުޅޭ ސަރަހައްދަކަށް ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

ބްރެޒިލްގެ ސިވިލް އޭވިއޭޝަން އެޖެންސީން ވަނީ ފްލައިޓުގައި ތިބި ކްރޫންނަކީ ލައިސެންސް ލިބިފައިވާ ހުރިހާ ކޮލިފިކޭޝަނެއް ވެސް ފުރިހަމަ ބައެއް ކަމަށް ބުނެފަ އެވެ. އަދި އެ މަތިންދާބޯޓަކީ ވެސް ރަނގަޅު ހާލަތެއްގައި އޮތް ބޯޓެއް ކަމަށާއި މި ހާދިސާގެ ތަހުގީގު ވަރަށް ގާތުން ބަލަމުންދާނެ ކަމަށް އެ އެޖެންސީން ބުނެފައިވެ އެވެ.

މި ހާދިސާއާ ގުޅިގެން ބްރެޒިލްގެ ރައީސް ލޫލާ ވަނީ އެގައުމުގައި ގައުމީ ހިތާމައިގެ ތިން ދުވަސް އިއުލާންކޮށްފަ އެވެ.