Last Updated: July 27, 11:37
Sunday, July 27, 2025
ކުޅިވަރު

ފްރާންސް ބަލިކޮށް ސްޕެއިނަށް ރަން މެޑަލް

ފައިނަލުގައި ފްރާންސް 5-3 އިން ބަލިކޮށް، ސްޕެއިނުން އޮލިމްޕިކްސް ފުޓްބޯޅަ އިވެންޓުން ރަން މެޑަލް ހޯދައިފި އެވެ.

މިއީ 1992 ވަނަ އަހަރަށް ފަހު ފުރަަތަމަ ފަހަރަށް އޮލިމްޕިކްސް ފުޓްބޯޅަ އިވެންޓުން ސްޕެއިނަށް ރަން މެޑަލް ލިބުނު ފަހަރެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗުގައި ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ތިއެރީ އޮންރީގެ އިރުޝާދުގެ ދަށުން ކުޅުނު ފްރާންސުންނެވެ. މި ގޯލު ފްރާންސަށް މެޗުގެ 11 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އެންޒޯ މިލިޓް އެވެ. ނަމަވެސް މެޗުގެ 18 ވަނަ މިނެޓްގައި ފާމިން ލޮޕޭޒް ސްޕެއިނަށް ނަތީޖާ އެއްވަރުކޮށްދިން އިރު، އޭގެ 7 މިނެޓް ފަހުން ފާމިން ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން އެލެކްސް ބައޭނާ ވަނީ ހިލޭޖެހުމަކުން ސްޕެއިންގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ސްޕެއިނުން ދެ ގޯލުގެ ލީޑެއްގައި ފުރަތަމަ ހާފް ނިންމާލި ނަމަވެސް ފްރާންސް އިން ވަނީ ދެ ވަނަ ހާފުގައި ދެ ގޯލު ޖަހައި ނަތީޖާ އެއްވަރުކޮށްފަ އެވެ. އެގޮތުން ފްރާންސްގެ ދެވަނަ ގޯލު މެޗުގެ 79 ވަނަ މިނިޓްގައި މެގްނަސް އަގްލިއޫޝޭ ކާމިޔާބުކޮށްދިންއިރު ފްރާންސަށް ނަތީޖާ އެއްވަރުކޮށްދިނީ 90 މިނެޓްގެ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ޖިއަން ފިލީޕް މަޓޭޓާ އެވެ.

މެޗުގެ 90 މިނެޓްގެ ކުޅުން ހަމަވިއިރު ދެ ޓީމުވެސް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފްގެ ކުޅުމެވެ. އެގޮތުން ސްޕެއިން މޮޅުވީ އިތުރު ވަގުތުގެ ކޮންމެ ހާފެއްގައި ގޯލެއް ކާމިޔާބުކޮށްގެންނެވެ. މި ގޯލުތައް ސްޕެއިނަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސާޖިއޯ ކަމޭއޯ އެވެ.