ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމާއި މެދު ސަރުކާރުން ކަންތައް ކުރިގޮތަކީ ރައީސް އަބްދުﷲ ޔާމީނަށް ހެޔޮވެރިކަމެއް ނުކުރެވޭނެ ކަމުގެ ހެއްކެއް ކަމުގައި ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި "އަނިޔާވެރިކަން ނިންމަން" ޖަލްސާގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ ރައީސް ޔާމީނަށް ހެޔޮ ވެރިކަމެއް ނުކުރެއްވޭނެ ކަމުގެ އެންމެ ބޮޑު ހެއްކަކީ ރައީސް ޔާމިން ވެރިކަމަށް ގެނައުމަށްޓަކައި އެންމެ ބުރަ މަސައްކަތް ކުރެއްވި ކާނަލް ނާޒިމާއި މެދު ކަންތައްކުރެއްވި ގޮތް ކަމަށެވެ.
ރާއީސް ޔާމިން ގެއްގުޅުއްވަނީ ކުށްވެރިންގެ ވިސްނުންކަން ފާހަގަކުރައްވައި ނިޒާރު ވިދާޅުވީ ރައީސް ޔާމީނަކީ އަނިޔާވެރިއެއް ކަމަށާއި އިކޮޅު ފަރާތްތަކުގެ ވިސްނުމަކީ އަނިޔާވެރިކަމާއި ދެކޮޅު ވިސްނުމަށް ވުމުން ހެޔޮވެރިކަމުގެ ނިޒާމަކަށް ތާޢީދު ނުކުރައްވާ ވެރިއަކާއި އިދިކޮޅު ފަރާތްތަކުން ކުރާނެ މަޝްވަރާއެއް ނޯންނާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.
"ރައީސް ޔާމިން ކަނޑައެޅިގެން ދިވެހިރައްޔިތުންނަށް ކުރައްވަމުން ގެންދަވަނީ އަނިޔާ، މިއަކާއި ކުރާނެ ޝަކުވާއެއް ޝައްކެއްނެތް، ރައީސް ޔާމިންގެ އަނިޔާވެރިކަން ފެށިގެން އަންނަނީ ރައީސް ނަޝީދަށް އޮތް ހަސަދަވެރިކަމާއިއެކު، އެ ހަސަދައިގެ ނަތީޖާއަކަށްވީ ރައީސް ނަޝީދަށް ބޮޑިއެއް ދިނުމުގެ ގޮތުން ތޭރަ އަހަރުގެ ހުކުމެއް ކުރުން، އެވަރަކުން ނުފުދޭނެ، އެހެންވިޔަސް ރައީސް ނަޝީދު މިރާއްޖޭގައި އަދި ވެރިކަން ކުރައްވާނެ" ނިޒާރު ވިދާޅުވިއެވެ.
ނިޒާރު އިތުރަށް ވިދާޅުވީ ސިޔާސީ ފަރާތްތަކަށް ޖެއްސުންކޮށް ޖަލަށްލައި އަނިޔާކޮށްގެން ވެރިކަން ކުރައްވަން ރައީސް ޔާމިން ހީފުޅުކުރައްވާނަމަ އެއީ ކުށްހީއެއް ކަމަށް ނިޒާރު ވިދާޅުވިއެވެ. އަދި ރައީސް ޔާމިންގެ ވެރިކަން 2018 ގައި ރައްޔިތުން ނުކުމެ ނިންމާނެ ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.
ރައީސް ޔާމިންގެ އަނިޔާވެރި ސިޔާސަތާއި އަނިޔާވެރި ސިކުނޑިން ވެރިކަން ކުރައްވަން މަސައްކަތް ކުރައްވާތީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް މަތިންވެސް ހަދާން ނެތިއްޖެ ކަމަށް ވެސް ރޭގެ ޖަލްސާގައި ނިޒާރު ވަނީ ވިދާޅުވެފައެވެ.