Last Updated: June 18, 13:57
Thursday, June 18, 2026
ޚަބަރު

ހަންކެޑެ ބްރިޖު މާދަމާ އިފްތިތާހު ކުރަނީ

ހަންކެޑެ އާ ބްރިޖް: މިތަން މާދަމާ ރަސްމީކޮށް އިފުތިތާހު ކުރާނެ. ފޮޓޯ/ އެޒް ނަޖް

އައްޑޫ ހަންކެޑެ ބްރިޖު މާދަމާ އިފްތިތާހު ކުރުމަށް ނިންމައިފި އެވެ.

ހަންކެޑެ ބްރިޖު އިފްތިތާހުކޮށްދެއްވާނީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ސުބްރަމާނިއަމް ޖައިޝަންކަރެވެ.

މި ބްރިޖު މާދަމާ އިފްތިތާހު ކުރި ނަމަވެސް އާންމުންނަށް ބްރިޖު ހުޅުވާލާނީ އަންނަ މަހުގެ ތެރޭގަ އެވެ.

ޖައިޝަންކަރު މާދަމާ އައްޑު އަށް ކުރައްވާ ދަތުރުފުޅުގައި ބްރިޖު އިފްތިތާހު ކުރުމުގެ އިތުރަށް، އައްޑޫގެ ބިންހިއްކުމާ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ވެސް ފާހަގަކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ބްރިޖް ހަދާފައި ވަނީ ކުރިން ބްރިޖަކުން ހަންކެޑެއާ ގުޅުވާފައި އޮންނަ ގައުކެނޑި އާއި މަރަދޫ ގުޅޭ ގޮތަށެވެ. އެގޮތުން މަރަދޫ ފަޅިން ބްރިޖް ގުޅުވާފައި ވަނީ އެ އަވަށުގެ ބޮޑުގެ މަގުގެ ކޮޅުންނެވެ.

މި އާ ބްރިޖަކީ ހަންކެޑެ އާއި ގައުކެނޑި ގުޅުވާފައި އޮތް ބްރިޖްގެ ބަދަލުގައި ދެން ދަތުރު ކުރަން ޖެހޭ ގޮތަށް ހެދި ބްރިޖެކެވެ. މި ބްރިޖް ހެދުމުގެ އަމަލީ މަސައްކަތް އެފްކޮންސް އިން ފެށީ 2021 ގަ އެވެ.

ހަންކެޑެ-ގައުކެނޑި ބްރިޖް ބަދަލުކުރަން ނިންމީ އިިންޓަގްރޭޓެޑް ޓޫރިޒަމަށް ހަންކެޑެ ތަރައްގީ ކުރަން ނިންމާފައިވާތީ އެވެ. ހަންކެޑެ ތަރައްގީ ކުރަން ފަންޑު މެނޭޖްމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ހަވާލުކޮށްފައި ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީސީސީ) އާ އެވެ.