މުޒާހަރާކުރަން "ރާއްޖެ ތެރޭ މީހުން" މާލެ އައުމުގެ ފުރުސަތު ސަލާމަތީ ބާރުތަކުން ނުދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.
ރޭގެ ވަގުތެއްގައި ރިޔާޒް ކުރެއްވި ޓްވީޓެއްގައި މުޒާހަރާކުރަން "ރާއްޖެ ތެރޭ މީހުން" ދެން މާލެ ނާދެވޭނެ ކަމަށާއި އެފުރުސަތު ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން ނުދޭނެކަމަށް ވިދާޅުވެފައިވާއިރު މީގެ ކުރިން އެކި ޕްރެސް ކޮންފަރަންސްތަކުގައި ފުލުހުން ވެސް ވަނީ "އަތޮޅުތަކުން އަންނަ މީހުން" އައުމުން މާލޭގައި ހަމަނުޖެހުން އުފެދި ދާނެ ކަމަށާއި އެ ގޮތަށް މާލެ އަންނަ މީހުން ހޯދައި އެ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުދީފައި ކަން ވެސް ފާހަކޮށްލެވެއެވެ.
ރިޔާޒްގެ ޓްވީޓްގައި މިހެން ވިދާޅުވެފައިވި ނަމަވެސް އެފަދަ ނިންމުމެއް ނިންމާފައި ނުވާކަން ފުލުހުންގެ މީޑިޔާ އޮފިޝަލް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

"އަތޮޅުތަކުން މީހުން މާލެ އައި ނަމަވެސް މާލެތެރެ ހަލަބޮލިކޮށް، މާލޭގެ އަމާންކަން ނަގާލުމުގައި ބައިވެރިވުމަކީ މާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ހައްގުތަކެއް ގެއްލިގެން ދާނެ ކަމެއް. މާލޭގެ އަމަން ނަގާލައި މި މުޒާހިރާގައި ބައިވެރިވާން އަންނަ ފަރާތްތައް ހޯދައި އެ ފަރާތްތަކާ ދޭތެރޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގައި ދަންނަވަން،" މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފުލުހުންނާއި ސިފައިން ގުޅިގެން ނެރުނު ބަޔާނެއްގައި ވެއެވެ.
މީގެ އިތުރުން ވެސް ރިޔާޒް ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ "ރާއްޖެ ތެރޭ މީހުން މާލެ އައިސް ހަމަނުޖެހުން ހިންގާ" ކަމަށާއި އަދި މިގޮތަށް މާލެ އައިސް، މާރާމާރީ ހިންގާ ފުލުހުންނަށް އަނިޔާކުރުމުގެ ފުރުސަތު ދެން ނުދޭނެ ކަމަށް ވެސް ބުނެފައެވެ.

މާރާމާރީ ހިންގުމަށް "ރާއްޖެ ތެރޭ މީހުން" މާލެ އެރުމުގެ ފުރުސަތު ނުދޭނެ ކަމަށް ރިޔާޒް ވިދާޅުވެފައިވާއިރު މި އަހަރުގެ މާޗް މަހުގެ ތެރޭގައި ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައި ވައިކަރަދޫ ދާއިރާގެ މެމްބަރ މުހައްމަދު ނާޒިމަށް ރިޔާޒް ހަމަލާދީފައިވާކަން ފާހަގަކޮށްލެވެއެވެ.
ރިޔާޒްގެ ޓްވީޓާއެކު ސޯޝަލް މީޑިޔާގައި އޭނާ އަށް ވަރަށް ގިނަބަޔަކު ފާޑުކިޔަމުން ދާއިރު އެފަރާތްތަކުން ވަނީ މާލޭ މީހުން ދެން ވޯޓު ހޯދަން ރާއްޖެ ތެރޭ މީހުން ކައިރިއަށް ގޮސްގެން ނުވާނެ ކަމަށް ބުނެ ވަރަށް ބޮޑަށް ނުރުހުންފާޅުކޮށްފައެވެ.