Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ރައީސް ނަޝީދު ގެއަށް ބަދަލު ކުރަން އަލްހާން ގޮވާލައިފި

ފޭދޫ ދާއިރާގެ ކުރީގެ މެންބަރ އަލްހާން ފަހުމީ

ސަރުކާރާއެކު މަޝްވަރާ އަށް އައުމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ ގޮވާލައްވާފައިވާއިރު، މަޝްވަރާ ކުރެއްވުމަށް ސަރުކާރުގެ ހެޔޮ ނިޔަތް ދެއްކެވުމުގެ ގޮތުން، މަޝްވަރާ ފެށުމުގެ ކުރިން ރައީސް ނަޝީދު ޖަލުން ގެއަށް ބަދަލު ކުރުމަށް ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ގޮވާލައިފިއެވެ.

"މަޝްވަރާ ކުރެއްވުމަށް ސަރުކާރުގެ ހެޔޮ ނިޔަތް ދެއްކެވުމުގެ ގޮތުން، މަޝްވަރާ ފެށުމުގެ ކުރިން ރައީސް ނަޝީދު ޖަލުން ގެއަށް ބަދަލު ކުރަން އިލްތިމާސް ކުރަން،" އަލްހާން ކުރެއްވި ޓްވީޓެއްގައިވެ އެވެ.

އިދިކޮޅު ފަރާތްތަކުން ސަރުކާރާއެކު މަޝްވަރާ އަށް އައުަމަށް ރައީސް ޔާމީން ގޮވާލެއްވުމާއި އަދާލަތު ޕާޓީ އާއި އެމްޑީޕީ އިން ވަނީ ސަރުކާރަށް ޝަރުތުތަކެއް ކުރިމަތިކުރި ނަމަވެސް އެ މަޝްވަރާތަކުގައި ބައިވެރިވުމަށް ޤާސިމް އިބްރާހިމް އެއްވެސް ޝަރުތެއް ކުރިމަތިކޮށްފައި ނުވާތީ އަލްހާން ވަނީ އެކަމާއި މެދު ސުވާލު އެފެދޭ ކަމަށް ވިދާޅުވެފައެވެ.

ކުރިން ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވި އަލްހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ގާސިމް ޝަރުތަކަށް ނުލާ މަޝްވަރާ ކުރައްވަން ނިންމެވި އިރު، ގުޅިފައިވާ ޕާޓީތަކުގެ ހިޔާލު ތަފާތުވުމަކީ ގާސިމާ މެދު އުފެއްދޭ ސުވާލެއް" ކަމަށެވެ.

މަޝްވަރާތަކުގައި ބައިވެރިވުމަށް އެމްޑީޕީގެ ޝަރުތަކީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި ޖަލަށް ލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މި މަހުގެ 1 ގައި އިދިކޮޅު މީހުން މާލޭގައި ބޭއްވި މުޒާހަރާއާ ގުޅިގެން ފުލުހުންގެ ބަންދުގައި ހުރި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު އެ މަޝްވަރާތަކުގައި ބައިވެރި ކުރެެއްވުމެވެ. އަދި ސީދާ ރައީސް ޔާމީނާ މަޝްވަރާ ކުރެވުމަކީ ވެސް އެމްޑީޕީގެ ޝަރުތެކެވެ.

އަދާލަތު ޕާޓީގެ ޝަރުތަކީ މޭ 1 ގެ މުޒާހަރާއާ ގުޅިގެން ފުލުހުންގެ ބަންދުގައި ހުރި އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ އިތުރުން، އެ ދުވަހު ހައްޔަރުކުރި އެހެން މީހުން ވެސް ދޫކޮށްލުމެވެ.