އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް ނަޞްރުﷲ އަޙްމަދުގެ 95 ވަނަ މެރެތަންގެ މެޑައްޔާއި ޖަރޒީ ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފަށް ހަދިޔާކުރައްވައިފި އެވެ.
މި މެޑައްޔާއި ޖަރޒީ އެމަނިކުފާނަށް ހަދިޔާކުރައްވާފައި ވަނީ މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގަ އެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ، މެރެތަން ދުވުމުގެ ދާއިރާއިން ނަޞްރުﷲ ހޯއްދަވާފައިވާ ކާމިޔާބީ ފާހަގަކުރައްވައި އެކަމަށް މަރުޙަބާ ދަންނަވާފަ އެވެ. އަދި، ނަޞްރުﷲ ގެ އެންމެ ބޮޑު އެއް އަމާޒުކަމުގައިވާ، އެންމެ ގިނަ މެރެތަން ދުވެފައިވާ އޭޝިއާ ސަރަޙައްދުގެ ދުވުންތެރިޔާގެ ޝަރަފު ހޯދުމަށް ކުރަމުންގެންދާ މަސައްކަތަށް ހިތްވަރުދެއްވި އެވެ.
މީގެ އިތުރުންވެސް ނަޞްރުﷲ ބޭނުންބާ ކަންކަން އޮޅުންފިލުވައި އެކަންކަމުގައި ސަރުކާރުން ދެވެން އޮތް އެއްބާރުލުމެއް ދިނުމަށް ވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެ އެވެ.
މެރެތަންގެ ރޮނގުން ކުރިއަށް ދިއުމަށް 1999 ވަނަ އަހަރުގެ ކުރީކޮޅު މަސައްކަތް ފެށި ނަސްރުالله އަށް އެންމެ ފާހަގަކޮށްލެވޭ އަހަރަކީ 2018 ވަނަ އަހަރެވެ. އެއީ އެ އަހަރު 13 މެރެތަންގައި ބައިވެރިވެގެން، އެ ހުރިހާ މެރެތަނެއްވެސް ކަނޑައަޅާފައިވާ ވަގުތަށް ވުރެ ހަތަރު ގަޑިއިރު ކުރިން އެ އަަހަރު ނިންމާލެވިފައިވާތީ އެވެ.
ނަސްރުاللهގެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި 2020 ވަނަ އަހަރު އިންޑިއާގައި ބޭއްވި ހިންދުސްތާން މެރެތަނުން އެއްވަނަ މަގާމު ހޯދުންވެސް ހިމެނެ އެވެ.