ޔޫއެފާ ސުޕަ ކަޕްގައި މިރޭ އިޓަލީގެ އެޓަލާންޓާއާ ދެކޮޅަށް ރެއާލް މެޑްރިޑުން ކުޅޭ މެޗުގައި އެޓީމާ ދާދިފަހުން ގުޅުނު ފްރާންސްގެ ކިލިއަން އެމްބާޕޭ ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ރެއާލްގެ ކޯޗު ކާލޯ އެންޗެލޯޓީ ބުނެފި އެވެ.
އެމްބާޕޭ ރެއާލްއާ ގުޅުނީ މިދިޔަ ޖޫން މަހު ކަމަށްވާއިރު، މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން އެންޗެލޯޓީ ބުނީ ޗުއްޓީ އަށް ފަހު އެމްބާޕޭ މިދިޔަ ހަފްތާގައި ޓީމާއި ގުޅުނުއިރު ހުރީ ވަރަށް ރަނގަޅު ހާލަތެއްގައި ކަމަށާއި އަދި އޭނާ ޓީމަށް ވަރަށް އަހަށް ހޭނެމުންދާ ކަމަށެވެ. އަދި ޓީމާއެކު މިހާރު ފަރިތަކުރުންތަކުގައި ބައިވެރިވަމުންދާ ހުރިހާ ކުޅުންތެރިންނަށް ވެސް މިރޭގެ މެޗުގައި ކުޅުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް އެންޗެލޯޓީ ބުންޏެވެ.
"އެމްބާޕޭ މިރޭ ކުޅުމަކީ އެކަށީގެންވާ ކަމެއް،" އެންޗެލޯޓީ ބުންޏެވެ.
ޔޫއެފާ ސުޕަ ކަޕަކީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ޓީމާއި ޔޫރޮޕާ ލީގު ހޯދި ޓީމުގެ މެދުގައި ކުޅޭ މެޗެކެވެ. ރެއާލުން ވަނީ ސުޕަ ކަޕް ފަސް ފަހަރެއްގެ މަތިން ކާމިޔާބުކޮށްފަ އެވެ.
ރެއާލުން ވަނީ މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ އިތުރަށް ސްޕެނިޝް ލީގު ވެސް ހޯދައިފަ އެވެ.
ސުޕަ ކަޕްގައި ރެއާލް އާއި އެޓަލާންޓާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.