Last Updated: July 27, 11:37
Sunday, July 27, 2025
ކުޅިވަރު

އެމްބާޕޭގެ ގޯލުން ރެއާލުން ސުޕަ ކަޕް ކާމިޔާބުކޮށްފި

ކިލިއަން އެމްބާޕޭގެ ގޯލާ އެކު، އެޓަލާންޓާ 2-0 އިން ބަލިކޮށް، ރެއާލް މެޑްރިޑުން ޔުއެފާ ސުޕަ ކަޕް ކާމިޔާބުކޮށްފި އެވެ.

މިއީ ރެއާލުން ޔޫއެފާ ސުޕަ ކަޕް ކާމިޔާބު ކުރި ހަ ވަނަ ފަހަރު ކަމަށްވާއިރު، މި ތަށި އެންމެ ގިނަ ފަހަރަށް ކާމިޔާބު ކުރި ޓީމުގެ ޝަރަފު ވެސް ރެއާލަށް މިހާރު ވަނީ ލިބިފަ އެވެ. ކުރިން މި ރެކޯޑް އޮތީ ފަސް ތަށި ހޯދި ބާސެލޯނާ އަތުގަ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި ގޯލެއް ކާމިޔާބު ކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ރެއާލްގެ ރޮޑްރިގޯ އަށެވެ. އެޓަލާންޓާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ރޮޑްރިގޯ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ މަތީ ދަނޑި އަށެވެ.

މެޗުގެ 59 ވަނަ މިނެޓްގައި ރެއާލަށް ލީޑު ނަގައިދިނީ އެޓީމުގެ މިޑްފީލްޑަރު ފެޑެރީކޯ ވަލްވާޑޭ އެވެ. މިއީ މުޅިން ހުސްކޮށްލާފައި ވިނީޝަސް ޖޫނިއާ ވަލްވާޑޭ އަށް ހުސްކޮށްލި ބޯޅައަކުން ޖެހި ގޯލެކެވެ. މި ގޯލު ކާމިޔާބު ކުރިތާ އިރުކޮޅެއްފަހުން ވިނީޝަސް އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އެޓަލާންޓާގެ ގޯލްކީޕަރު ވަނީ މަތަކޮށްފަ އެވެ.

ރެއާލްގެ ދެވަނަ ގޯލު މެޗުގެ 68 ވަނަ މިނެޓްގައި ޖޫޑް ބެލިންހަމް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ އެމްބާޕޭ އެވެ. މިއީ ރެއާލްގެ ޖޯޒީގައި އެމްބާޕޭ ކުޅުނު ފުރަތަމަ މެޗެވެ.

ރެއާލުން ތަށްޓަކާއެކު މި ސީޒަން ފެށިއިރު، އެޓީމުން ވަނީ މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ އިތުރަށް ސްޕެނިޝް ލީގު ވެސް ހޯދައިފަ އެވެ.