Last Updated: July 17, 18:07
Friday, July 17, 2026
މުނިފޫހިފިލުވުން

"ނޯޓްބުކް" ގެ ބަތަލާ މަރުވެއްޖެ

ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ހޯދި ހޮލީވުޑްގެ ފިލްމު "ދަ ނޯޓްބުކް" ގައި މުހިއްމު ރޯލެއް ކުޅުނު އެމެރިކާގެ ބަތަލާ ޖީނާ ރޯލަންޑްސް މަރުވެއްޖެ އެވެ.

ވިސްކޮންސިން އަށް އުފަން ބަތަލާ އިއްޔެ މަރުވި އިރު އުމުރަކީ 94 އެވެ.

ދެހާސް ހަތަރެއްގައ ރިލީޒްކުރި ރޮމޭންޓިކް ޑްރާމާ "ދަ ނޯޓްބުކް" ގައި ޖީނާ ކުޅުނީ ފިލްމުގެ ލީޑް ބަތަލާ ރެޗެލް މެކްއެޑަމްސް ކުޅުނު އެލީގެ ދުވަސްވީ ކެރެކްޓާ އެވެ.

ޖީނާގެ ފާހަގަކޮށްލެވޭ އިތުރު ފިލްމުތަކުގެ ތެރޭގައި އޭނަގެ ކުރީގެ ފިރިމީހާ ޖޯން ކެސެވިޓްސް ޑައިރެކްޓްކުރި 1974 ގެ "އަ ވުމަން އަންޑާ ދި އިންފްލުއެންސް" އާއި 1980 ގެ "ގްލޯރިއާ" ހިމެނެ އެވެ. އެ ދެ ފިލްމުން ޖީނާ، އޮސްކާގެ މޮޅު ބަތަލާގެ އެވޯޑަށް ނޮމިނޭޓް ވެސް ވި އެވެ.

ފިލްމުތަކުގެ އިތުރުން ގިނަ އަދަދެއްގެ ޓީވީ އުފެއްދުންތަކުގައި ވެސް މަސައްކަތްކޮށްފައިވާ ޖީނާ އެންމެ ފަހުން ކުޅުނު ފިލްމަކީ "ސިކްސް ޑާންސް ލެސަންސް އިން ސިކްސް ވީކްސް" އެވެ. އެ ފިލްމަށް ފަހު އޭނަ ވަނީ 2015 ގައި އެކްޓްކުރުން ހުއްޓާލައިފަ އެވެ.

ޖީނާގެ ކެރިއަރު ނިންމައިލި އިރު ދެ ގޯލްޑެން ގްލޯބް އެވޯޑްގެ އިތުރުން ހަތަރު އެމީ އެވޯޑް ލިބިފައިވެ އެވެ.