Last Updated: July 26, 22:48
Saturday, July 26, 2025
ޚަބަރު

ކުރީގެ ރެފްރީ މައްލާ ޅަތުއްތު ނިޔާވެއްޖެ

ރާއްޖޭގެ ކުރީގެ މަޝްހޫރު ރެފްރީ މައްލާ ޅަތުއްތު ނިޔާވެއްޖެ އެވެ.

އޭނަ ނިޔާވީ ސިއްހީ ހާލު ދެރަވެ އިންޑިއާގެ ޓްރިވެންޑްރަމްގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުން އަންނަނިކޮށް މިއަދު މެންދުރު އެވެ.

މައްލާ ޅަތުއްތު ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ހިތާމަ ފާޅުކުރައްވާފައިވެ އެވެ. އެ މަނިކުފާނު ވިދާޅުވީ މައްލާ ޅަހުއްތުގެ ވަކިވުމަކީ ދިވެހި ކުޅިވަރުގެ ދާއިރާއަށް ފޫނުބެއްދޭނެ ބޮޑު އުނި ކަމަކަށް ވާނެ ކަމަށެވެ. އަދި އޭނަ އަކީ
ކުޅިވަރު ކުރިއެރުވުމުގެ ރޮނގުން ޤައުމީ ހިތްވަރު ދިނުމުގެ އިނާމާއި ޤައުމީ ޝަރަފްވެރިކަމުގެ އިނާމާއި ދައުލަތަށް ދިގުމުއްދަތަކު ޚިދުމަތް ކުރުމުގެ އިނާމާއި ކުޅިވަރުގެ ލައިފް އެޗީވްމަންޓް އެވޯޑްވެސް ޙާޞިލްކުރައްވާފައިވާ ޤަައުމީ ޚިދުމަތުގެ ނަމޫނާ ޝަޚްޝިއްޔަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ފީފާ ބެޖު ހާސިލްކުރި ފުރަތަމަ ދިވެހި ރެފްރީގެ ޝަރަފު ވެެސް ހޯދި މައްލާ ޅަހުއްތަކީ ރާއްޖޭގެ އެންމެ މަތީ ފަންތީގައި 1969- 1995 އަށް ރެފްރީކަން ކުރި މީހެކެވެ.

މައްލާ ޅަތުއްތު ނިޔާވުމާ ގުޅިގެން ކުޅިވަރުގެ ދާއިރާގެ މީހުންނާއި ގާތް މީސްމީހުން އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.