Last Updated: July 26, 22:48
Saturday, July 26, 2025
ކުޅިވަރު

ލީގު މިރޭ ފަށާއިރު ޔުނައިޓެޑް އަދި ތައްޔާރެއް ނޫން

މި ސީޒަނުގެ ޕްރިމިއާ ލީގުގެ ކުޅުން މިރޭ ފަށާއިރު، ލީގުގެ ފުރަތަމަ މެޗަށް މެންޗެސްޓާ ޔުނައިޓެޑް އަދި ތައްޔާރު ނޫން ކަމަށް އެޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

ލީގުގެ ފުރަތަމަ މެޗުގައި މިރޭ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރާއިރު، އަނިޔާގެ ބައެއް މައްސަލަތައް ޔުނައިޓެޑަށް ވަނީ ކުރިމަތިވެފަ އެވެ. އެގޮތުން އަނިޔާގެ ސަބަބުން ޔުނައިޓެޑްގެ ޑިފެންޑަރުން ކަމަށްވާ ލޫކް ޝޯ އާއި ލެނީ ޔޯރޯ އަދި ފޯވާޑް ރަސްމުލް ހޮއިލުންޑް ވަނީ ކުޅުމާ ދުރުގައި ހުންނަން ޖެހިފަ އެވެ.

މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ޓެން ހާގް ބުނީ ލީގު މިރޭ ފެށި ނަމަވެސް ޓީމު އަދި ތައްޔާރު ނޫން ކަމަށާއި މި މައްސަލަ ކުރިމަތިވެފައިވާ އެހެން ކޯޗުން ވެސް އެބަތިބި ކަމަށެވެ. ނަމަވެސް މިއީ ރެކެވެން އޮތް ކަމެއް ނޫން ކަމަށާއި ހަމައެކަނި އޮތް ގޮތަކީ މިކަމާ ކުރިމަތިލުން ކަމަށް ޓެން ހާގް ބުންޏެވެ.

ފުލަމްއާ ދެކޮޅަށް ކުޅޭ މެޗަށް ނަގާ ސްކޮޑުގައި ބަޔާން މިއުނިކް ދޫކޮށް ޔުނައިޓެޑާއި ދާދިފަހުން ގުޅުނު ނެދަލެންޑްސްގެ ޑިފެންޑަރު، މަތައިސް ޑި ލިޓް އާއި މޮރޮކޯގެ ފުލްބެކް، ނުސައިރު މަޒްރާއީ ހިމެނޭނެ ކަމަށް ޓެން ހާގް ބުންޏެވެ. އަދި މި މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ޔުނައިޓެޑަށް ގެނެސްފައިވާ ނެދަލޭންޑްސްގެ ފޯވާޑް ޖޯޝުއާ ޒާކްޒީ ފެނުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ޔުނައިޓެޑާއި ފުލަމް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.