ގުދުސް އަކީ ޔަހޫދީންގެ ބިމެއްކަން ސާބިތުކޮށްދޭން ކިތަންމެ ވަރަކަށް އުޅުނަސް އެއީ ފަލަސްތީނުގެ ބިމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
ހުކުރު ހުތުބާގައި ބުނީ ގުދުސަކީ ޔަހޫދީންގެ ރަށެއް ނޫން ކަމަށާއި އެ ބިމުގައި އެންމެ ފުރަތަމަ ވަޒަންވެރިވީ ޢަރަބިކަރައިގެ ކަންޢާނީ ޤަބީލާގެ ޔަބޫސީ ދަރިކޮޅުގެ މީހުން ކަމަށްވާއިރު ޢަރަބީން މި ބިމުގައި ދިރިއުޅެމުން ދަނިކޮށް ބަނީ އިސްރާއީލު ބާގައިގެ ބުންޔާމީން ދަރިކޮޅާއި ޔަހޫޛާ ދަރިކޮޅުގެ މީހުން މި ބިމަށް އައިސް ބަނޑަހަޖެހީ ކަމަށެވެ.
މި ބިމުގައި ދާއޫދުގެފާނާއި ސުލައިމާނުގެފާނު ބިނާކުރެއްވި ހައިކަލު ހޯދުމުގެ ނަމުގައި މިއަދު ޒަޔަނިސްޓުން މަސްޖިދުލްއަޤްޞާގެ ވަށައިގެން ކޮންނަމުން ދާ ދިޔުމަކީ، މި މާތް މިސްކިތްކޮޅު ނައްތައިލުމުގެ ނުބައި މަޤްޞަދުގައި ހިންގަމުންދާ ޖަރީމާއެއް ކަމަށާއި އެއީ ބައިނަލްއަޤްވާމީ ހުރިހައި ޤާނޫނުތަކާއި ޤަރާރުތަކަށް ގޮންޖަހަމުން ކުރިއަށް ގެންދާ ޢުދުވާނެއް ކަމަށް ބުނެފައިވެ އެވެ.
ޤުދުސުގެ މައްސަލައަކީ އިސްލާމްދީނާ ވަކިނުކުރެވޭނެ މައްސަލައެއް ކަމަށާއި އެއީ މުސްލިމުންގެ ބިމެއް ކަމަށް ހުކުރު ހުތުބާގައި ބުންޏެވެ.
"މިއަދު މުސްލިމުންގެ ގިނަ ބަޔަކަށް ޤުދުސްގެ ނަން މެނުވީ ނެނގޭ ކަހަލަ އެވެ. ޒަޔަނިސްޓުންގެ އަޑުގަދަ ދުންމާރިއާއި މީޑިޔާގެ ޒަރީޢާއިން އެއީ ޔަހޫދީންގެ ބިމެއްކަމުގައި ސާބިތުކޮށްދެވޭތޯ މަސައްކަތްކުރިޔަސް އެއީ ހަމަ މުސްލިމުންގެ ބިމެކެވެ. ފަލަސްޠީނު މީހުންގެ ބިމެކެވެ،" ހުތުބާގައި ބުންޏެވެ.
ފަލަސްޠީނުގެ ޣައްޒާގައި ޒަޔަނިސްޓުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަނިޔާވެރި ޢަމަލުތަކަކީ މި ފަހުގެ ތާރީޚުގައި ދުނިޔެ ދެކެފައިނުވާ ފަދަ އަނިޔާވެރި ކަމެއް ކަމަށާއި މަތިން އަޅަމުންދާ ބޮންތަކުންނާއި ތިރިން ދޭ ޙަމަލާތަކުން ކޮންމެ ދުވަހަކު އެތައް މުސްލިމުންނެއް ޝަހީދުވަމުންދާކަން ހުތުބާގައި ފާހަގަކޮށްފައިވެ އެވެ. މި ހަފުތާއާ ހަމައަށް 40،000 އަށް ވުރެ ގިނަ މުސްލިމުން ޣައްޒާގައި ޝަހީދުކޮށްލައިފައިވާއިރު، މިއަދު އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާކަމަށް ދައުވާކުރާ އެންމެން އެ އަނިޔާވެރިކަމުގެ ކުރިމަތީގައި ހަނު ތިބޭ ބަޔަކަށް ވެފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.