ފުލަމް 1-0 އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ޕްރިމިއާ ލީގު މޮޅަކުން ފަށައިފި އެވެ.
ޔުނައިޓެޑުން ލީގުގެ ފުރަތަމަ މެޗާއި ކުރިމަތިލިއިރު، އަނިޔާގެ ހިޔަނި އެޓީމަށް އޮތީ ވަރަށް ބޮޑަށް އެޅިފަ އެވެ. އެގޮތުން އަނިޔާގެ ސަބަބުން ޔުނައިޓެޑްގެ ޑިފެންޑަރުން ކަމަށްވާ ލޫކް ޝޯ އާއި ލެނީ ޔޯރޯ އަދި ފޯވާޑް ރަސްމުލް ހޮއިލުންޑް ވަނީ ކުޅުމާ ދުރުގައި ހުންނަން ޖެހިފަ އެވެ.
މިރޭގެ މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ޔުނައިޓެޑާއި ދާދިފަހުން ގުޅުނު މޮރޮކޯގެ ފުލްބެކް، ނުސައިރު މަޒްރާއީ ކުޅުނުއިރު، އޭނާގެ ފަރާތުން ރަނގަޅު ޑިފެންސިވް ކުޅުމެއް މި މެޗުގައި ފެނިގެން ގޮސްފައިވެ އެވެ.
މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް އަށް ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ. އޭނާ ފޮނުވާލި ދެ ހަމަލާ ވެސް ފުލަމްގެ ކީޕަރު ބާޑް ލެނޯ ވަނީ މަތަކޮށްފަ އެވެ.
ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ކައުންޓަ އެޓޭކުތަކުގައި ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކުރަން ފުލަމް އިން މަސައްކަތްކޮށްފައިވެ އެވެ. ނަމަވެސް މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޔުނައިޓެޑްގެ ޑިފެންޑަރުން ކަމަށްވާ ހެރީ މެގުއާ އާއި ލިސަންޑްރޯ މާޓިނޭޒް ވަނީ ފުލަމްގެ ފުރުސަތުތައް ހުއްޓުވުމުގައި ހުޝިޔާރުކަން ދައްކާފަ އެވެ.
މި މެޗުން ޔުނައިޓެޑް މޮޅުވި ގޯލު 87 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން އެރި ޖޯޝުއާ ޒާކްޒީ އެވެ. މިއީ އެލެހެންޑްރޯ ގަނާޗޯ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުން ޒާކްޒީ ކާމިޔާބު ކުރި ގޯލެކެވެ. ނެދަލޭންޑްސް އަށް އުފަން ޒާކްޒީ އަކީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ޔުނައިޓެޑަށް ގެނައި ކުޅުންތެރިއެކެވެ.
މެޗުގެ ފަހު ވަގުތުކޮޅުތެރޭ ލީޑު ފުޅާކޮށްލަން މާކަސް ރަޝްފޯޑް ތަނަވަސްކޮށްދިން ބޯޅައަކުން ގަނާޗޯ އަށް މުޅިން ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.
ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ބްރައިޓަންއާ އެވެ. ފުލަމް ނިކުންނާނީ ލެސްޓަ ސިޓީއާ ދެކޮޅަށެވެ.