ލެ ހާވްރޭ މައްޗަށް 4-1 އިން ކުރި ހޯދައި ފްރެންޗު ލީގުގެ ފުރަތަމަ މެޗުން ޕީއެސްޖީ މޮޅުވެއްޖެ އެވެ.
ލެ ހާވްރޭގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ތިންވަނަ މިނެޓްގައި ލީ ކަންގް އިން ވަނީ ޕީއެސްޖީ އަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ގައުޓިއޭ ލޮރިސް ވަނީ ލެ ހާވްރޭ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
މި މެޗުން ޕީއެސްޖީ މޮޅުވީ މެޗުގެ ފަހު 10 މިނެޓްތެރޭ ކާމިޔާބު ކުރި ގޯލުތަކުންނެވެ. އެގޮތުން މެޗުގެ 84 ވަނަ މިނެޓްގައި އޮސްމާނޭ ޑެމްބެލޭ ޕީއެސްޖީ އަށް ލީޑު ނަގައިދިންއިރު، އޭގެ ދެ މިނެޓްފަހުން ބްރޭޑްލީ ބާކޯލާ ވަނީ ޕީއެސްޖީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. ޕީއެސްޖީގެ ހަތަރުވަނަ ގޯލު މެޗުގެ 90 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ކޯލޯ މުއާނީ އެވެ.
މިއީ ކިލިއަން އެމްބާޕޭ ޕީއެސްޖީ ދޫކޮށްލި ފަހުން އެޓީމުން ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ. ޕީއެސްޖީ ދޫކޮށް އެމްބާޕޭ ބަދަލުވީ ސްޕެއިންގެ ގަދަ ބާރު ރެއާލް މެޑްރިޑަށެވެ.
ލީގުގައި ޕީއެސްޖީ ދެން ބައްދަލުކުރާނީ މޮންޕެލިޔޭއާ އެވެ.