ސަރުކާރާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ މުޒާހަރާތެރެއިން ހައްޔަރުކުރި ސޮބާހް ރަޝީދުގެ ބަންދުގެ މުއްދަތު އިތުރުކޮށްދިން މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް މާދަމާ ހައިކޯޓުގައި ކުރިއަށް ގެންދަން ނިންމައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ޖޭޕީގެ ފޮރިން އެންޑް ޕަބްލިކްރިލޭޝަންސް އެގްޒެކެޓިވްގެ މަގާމު އަދާކުރަމުން އަންނަ ސޮބާހު ހައްޔަރުކޮށްފައިވަނީ މިމަހުގެ 3 ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ހަރަކާތެއްގެ ތެރޭގަިއ ހުންނަވަނިކޮށެވެ.
ހައި ކޯޓުން މައުލޫމާތު ލިބިފައިވާ ގޮތުގައި ސޮބާގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުން އޮންނާނީ މާދަމާ ހެނދުނު 11:15 ގަ އެވެ.
ސަރުކާރާއި ދެކޮޅަށް ކުރިއަށްގެންދާ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވަމުން ދިޔަ ސޮބާ އަކީ މޭއި މަހުގެ 1 ވަނަ ދުވަހު ބޭއްވި ބޮޑު މުޒާހަރާ ރާވާ ހިންގާ ކޮމެޓީގެ ވެސް އިސް މެމްބަރެކެވެ. ފުލުހުން ސޮބާ ހައްޔަރުކޮށްފައިވަނީ ބަލަމުންދާ މައްސަލައިގެ ތަހްގީގަށްކަމަށް ބުނެ 15 ދުވަހުގެ މުއްދަތު ވަނީ ކޯޓުން ޖަހާދީފައެވެ.